އިރާޤުގެ ވެރިރަށް ބަޤްދާދުގައި ހުރި ސްވިޑަންގެ އެމްބަސީއަށް މުޒާހަރާގެ ބައިވެރިން ވަދެ އެތަނުގައި މިއަދު ހުޅުޖަހައިފިއެވެ.

އިރާގުގައި ސްވިޑަންއާ ދެކޮޅަށް މުޒާހަރާކޮށް އެމްބަސީގައި ހުޅު ޖަހާފައި މިވަނީ، މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ސްވިޑަންގައި ސްވިޑަންގެ ފުލުހުންގެ ހިމާޔަތުގައި ހުރެ ހައްދުފަހަނައެޅި މީހަކު ކީރިތި ޤުރުޢާން އެންދި މައްސަލައިގައެވެ.

ކީރިތި ޤުރުޢާން އަންދައި މުސްލިމް އުއްމަތުގެ އިހްސާސްތަކާ ކުޅެލީ ސްވިޑަންގެ ރައްވެހިކަން ހޯދައިގެން ހުރި އިރާގަށް ނިސްބަތްވާ މީހެކެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސްވިޑަން އެމްބަސީ ތެރެއަށް ވަދެ އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ސްވިޑަން ސަރުކާރުން މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނީ މިހަމަނުޖެހުމުގައި ސްވިޑަން އެމްބަސީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް އަނިޔާ ވެފައިވާ ނުވާ ކަމަށެވެ.

އަލްޖަޒީރާއިން ޚަބަރު ފަތުރާ ގޮތުގައި އިރާގުގައި ގިނައަދެއްގެ ބަޔަކު ސްވިޑަން އެމްބަސީ ދޮށުގައި މުޒާހަރާކޮށް އެތަނުގެ ތެރެއަށްވަދެ ހުޅުޖަހާފައި ވަނީ، ސްވިޑަންގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި އަލުން ކީރިތި ޤުރުޢާން އަންދުމުގެ ހުއްދަ ސްވިޑަން ފުލުހުން ދިނުމުންނެވެ.

ސްވިޑަންގެ ނޫހެއް ކަމަށްވާ ޓީ.ޓީން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާގް އެމްބަސީ ކުރިމަތީގައި ހައްދުފަހަނަ އެޅި އަމަލު ހިންގަން ހުއްދައަށް އެނދުނު ފަރާތަށް ސްވިޑަން ފުލުހުން ވަނީ މުޞްޙަފުގެ ހުރުމަތް ކެނޑުމުގެ ހުއްދައާއި އިރާޤުގެ ދިދައިގައި ހުޅުޖެހުމުގެ ހުއްދަ ވެސް ދީފައެވެ.

މިމައްސަލައާ ގުޅިގެން އިރާގް ސަރުކާރުން މިހާރު ވަނީ، އިރާގުގައި ހުންނަ ސްވިޑަން ސަފީރު އަނބުރާ ގައުމަށް ފޮނުވާލާފައެވެ. އަދި އިރާގުގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ "އެރިކްސަން" ގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.