އިންޑިއާއަށް ވަގަށް އެތެރެވެފައިވާ ޕާކިސްތާނު އަންހެން މީހާ ސީމާ ހައިދަރުއާއި އޭނާގެ ހަތަރު ކުދިންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި އެމައްސަލަ މިހާރު ކޯޓުގައި އާއި ތަހުގީގީ އިދާރާތަކާއި ފުލުހުން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިންޑިއާގައި މީސްމީޑިއާގައި ތުހުމަތު ކުރާ ގޮތުގައި އޭނާ އަކީ ޕާކސިްތާންގެ ޖާސޫސެކެވެ!
ކަރާޗީގެ ރައްޔިތެއް ކަމަށްވާ ސީމާ ހައިދަރު އިންޑިއާއަށް އެތެރެ ވެފައި ވަނީ ނޭޕާލް ބޯޑަރު ހުރަސްކޮށެވެ. އަދި އޭނާ ނޭޕާލަށް ދިޔައީ ޔޫއޭއީގައި މަޑުކޮށްފައެވެ.
އިންޑިއާގެ ތަހުގީގީ އިދާރާތަކުން ވަނީ ނޭޕާލުން އޭނާ ބޯޑަރު ހުރަސްކުރެވުނު ގޮތާއި އުއްތްރަ ޕްރަދޭޝްގައި އޭނާއަށް ވިސާއެއް ނެތި ވަދެފައި ހުރެވުނު ގޮތް ސާފުކޮށް ދިނުމަށް ފުލުހުންނާއި ބޯޑަރު ބަލަހައްޓާ އިދާރާއިން އެދިފައެވެ.
ޕަބްޖީ ކުޅުމުގެ ތެރޭގައި ސީމާ ހައިދަރު ހިތާވި އިންޑިއާގެ ހިންދޫ މީހާއާ އިންނަންވެގެން އޭނާ ވަނީ ކުދިންތައް ގޮވައިގެން އިންޑިއާއަށް އައިސްފައެވެ. މިހާރު ދީން ބަދަލުކޮށްގެން އޭނާ ވަނީ ކައިވެނިކޮށްފައެވެ.
އޭނާގެ ފިރިމީހާ އަކީ ސައޫދީގައި މަސައްކަތް ކުރާ މީހެއްކމަށް ބުނެއެވެ. ނަމަވެސް އޭނާގެ މައުލޫމާތު ފުރިހަމަ ނުވާތީ ތަހުގީގު ކުރެވެމުން ދަނީއެވެ.'
އޭނާއާއި އޭނާގެ ލޯބިވެރިޔާ ފުލުހުން ހައްޔަރުކުރުމަށްފަހު ދޫކޮށްފައި ވަނީ ކަފާލަތުގެ ދަށުންނެވެ.
ޔޫޕީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީމާ ހައިދަރުގެ އަތުން ފަސް ޕާސްޕޯޓާއި ލިޔުން ފުރިހަމަ ނުވާ އިތުރު އެހެން ޕާސްޕޯޓަކާއި ދެ ވީޑިއޯ ކެސެޓާއި ހަތަރު މޮބައިލް ފޯނު ވަނީ ހޯދައިގެންފައެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ދަނީ އޭނާ އިންޑިއާއަށް އެތެރެ ވުމާއި އޭނާއަށް އެހީތެރިވެދީފައިވަނީ ކޮން ބައެއްތޯ ހޯދައިގަތުމަށް މަސައްކަތް ކުރަމުންނެވެ.
މި އަހަރުގެ މާޗް މަހު އޭނާއާއި އޭނާގެ ލޯބިވެރިޔާ ނޭޕާލްގެ ހޮޓަލެއްގައި ހަފްތާއެއް ވަންދެން އުޅުނު ކަމަށް އޭނާ ހުރި ހޮޓަލުގެ މެނޭޖަރު އިންޑިއާ މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ. އަދި އެދެ މީހުން އަބަދު އުޅުނީ ކޮޓަރި ތެރޭގައި ކަމަށްވެސް ކިޔައި ދީފައި ވެއެވެ.