ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން ޖުމްހޫރީ މައިދާނުގައި ކުރަމުންދިޔަ އިހުތިޖާޖު ކަވަރުކުރަން ދިޔަ ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އިހުތިޖާޖު ކަވަރުކުރަމުން ދިޔަ ސަންގު ޓީވީގެ ދެ ނޫސްވެރިއަކު ގާތަށް އެސްއޯ ފުލުހުން އައިސް، އެ ދެ ނޫސްވެރިން ފަހަތަށް ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ނޫސްވެރިން ފަަހަތަށް ކޮއްޕާލައި، ޖުމްހޫރީ މައިދާން ސަރަހައްދުން ބޭރުކުރަން އެސްއޯ ފުލުހުން މަސައްކަތް ކުރާ މަންޒަރެވެ. އަދި އެސްއޯ ފުލުހުން ކޮއްޕާލި ބާރުމިނުގައި ވެއްޓިފައި މީހެއްގެ ގައިގައި އަޅައިގަނެފައި، ދެ ނޫސްވެރިޔަކު ބިންމައްޗަށް ވެއްޓޭތަން ފެނެއެވެ. އޭގެ ތެރެއިން އަންހެން ނޫސްރިޕޯޓަރު ފުލުހުންނަށް އެއްވެސް ރައްދެއްދީ އެއްވެސް ދެކޮޅުވެރިކަމެއް ދައްކާ ނުހަދައެވެ. ނުހަނު ހިމޭނުން ހުއްޓާ ފުލުހުންގެ މީހާ ކޮއްޕާލުމުން އެއަންހެން ނޫސްވެެރިޔާ ވިއްސައިގެންދާތަން ސާފުކޮށް ވީޑިޔޯއިން ފެނެއެވެ.

މިފަދަ ހަރުކަށި ގޮތަކަށް ނޫސްވެރިންނާމެދު އަމަލު ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔައިފައެވެ.

ފާޑުކިޔުންތަކާއި ޓުވީޓުތަކާއި ސޯޝަލްމީޑިޔާގައި ދަރުވަމުންދާ ވީޑިޔޯއާއި މެސެޖުތަކާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"މިއަދު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނާ މެދު އަމަލުކުރި ގޮތް މިދަނީ ބަލަމުން،" ފުލުހުން ގެ މެސެޖުގައި ބުނެފައިވެއެވެ.

އިދިކޮޅުގެ މުޒާހަރާ ކަވަރުކުރުމަށް ދާ ނޫސްވެރިންނާ މެދު ފުލުހުން އަމަލުކުރާ ގޮތުގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.