އިޒްރޭލުން ހިސާރު ކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސްގައި މިއަދު ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށް ހަތަރު މީހުން ޒަޚަމް ކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޒަޚަމްވި ހަތަރު މީހުންގެ ތެރެއިން 2 މީހުންގެ ހާލު ވަރަށް ނާޒުކެވެ.

އިޒްރޭލުން ފަލަސްތީނުގެ މީހަކު ޝަހީދުކޮށް ހަތަރު މީހުން ޒަޚަމް ކޮށްލާފައި މިވަނީ، މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ހުޅަނގު އައްސޭރީގެ ޖެނިން އަވަށާއި ޖެނިން ރެފިއުޖީ ކޭމްޕުގައި ވަރުގަދަ އުދުވާންތަކެއް ހިންގައި 12 މީހުން ޝަހީދު ކޮށް، އެވަށުން ފެނާއި ކަރަންޓް ކަނޑާލައި ގިނަ އަދަދެއްގެ ގެދޮރަށާއި މުދަލަށް ގެއްލުން ދިނުމަށްފަހުއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ އަލް ގުދުސް ބްރިގޭޑްސް އާއި އިސްލާމިކް ޖިހާދް ގްރޫޕުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ބިންތައް އަޅުވެތި ކޮށްގެން ތިބި އިޒްރޭލު ސިފައިންނަށް ހުޅަނގު އައްސޭރިޔަކީ ވަރުގަދަ ތޫފަނަކަށް ހަދާނެ ކަމަށެވެ.

ހުޅަނގު އައްސޭރީގައި ހިނގަމުން އަންނަ ހަމަނުޖެހުންތައް ކައިރިން ދިރާސާ ކުރައްވާ ބައެއް މުޚައްލިލުން ވިދާޅުވާ ގޮތުގައި ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުން އެވަށުގައި އިޒްރޭލަށް އެއަވަށުގައި ޔަހޫދިން އާބާދު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި ހުޅަނގުއައްސޭރީގައި އިޒްރޭލުން އާބާދު ކުރި ޔަހޫދީ އެތައް އާއިލާތަކެއް އެއަވަށް ދޫކޮށް ގޮސްފައިވާ ކަމަށްވެސް ބުނެއެވެ.