ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން ޖުމްހޫރީ މައިދާނުގައި ކުރަމުންދިޔަ އިހުތިޖާޖު ކަވަރުކުރަމުން ދިޔަ ނޫސްވެރިޔަކު ކޮއްޕައި ވައްޓާލި ފުލުސް އޮފިސަރު މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިހުތިޖާޖު ކަވަރުކުރަމުން ދިޔަ ސަންގު ޓީވީގެ ދެ ނޫސްވެރިއަކު ގާތަށް އެސްއޯ ފުލުހުން އައިސް، އެ ދެ ނޫސްވެރިން ފަހަތަށް ޖައްސާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަނީ ނޫސްވެރިން ފަަހަތަށް ކޮއްޕާލައި، ޖުމްހޫރީ މައިދާން ސަރަހައްދުން ބޭރުކުރަން އެސްއޯ ފުލުހުން މަސައްކަތް ކުރާ މަންޒަރެވެ. އަދި އެސްއޯ ފުލުހުން ކޮއްޕާލި ބާރުމިނުގައި ވެއްޓިފައި މީހެއްގެ ގައިގައި އަޅައިގަނެފައި، ދެ ނޫސްވެރިޔަކު ބިންމައްޗަށް ވެއްޓޭތަން ފެނެއެވެ. އޭގެ ތެރެއިން އަންހެން ނޫސްރިޕޯޓަރު ފުލުހުންނަށް އެއްވެސް ރައްދެއްދީ އެއްވެސް ދެކޮޅުވެރިކަމެއް ދައްކާ ނުހަދައެވެ. ނުހަނު ހިމޭނުން ހުއްޓާ ފުލުހުންގެ މީހާ ކޮއްޕާލުމުން އެއަންހެން ނޫސްވެެރިޔާ ވިއްސައިގެންދާތަން ސާފުކޮށް ވީޑިޔޯއިން ފެނެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ ފުލުސް އޮފިސަރު އަދާކުރަމުންދިޔަ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކޮށްފައިވާ ކަމަށް ވެސްފުލުހުންގެ ޚިދުމަތުން ބުންޏެވެ.