ބްރަސެލްސް، ޖުލައި 20، ޓާސް: ޔޫރަޕިއަން ޔޫނިއަން (އީޔޫ) ކައުންސިލުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

އީޔޫ ކައުންސިލުން މިއަދު ނެރެނު ބަޔާނެއްގައި ބުނީ ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ފަށާފައި ވަނީ ޢުދާވާނާއި ގުޅިގެންނާއި 2014 ވަނަ އަހަރުން ފެށިގެން ރަޝިޔާއާ ދެކޮޅަށް އަޅަމުން އަންނަ ދަތި ކުރުމުގެ ފިޔަވަޅުތައް އަންނަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

"މިއަދު ކައުންސިލުން ނިންމީ ރަޝިޔާގެ އިގްތިސާދުގެ ވަކި ދާއިރާތަކަށް އަމާޒުކޮށްގެން އަޅާ ހަނި ފިޔަވަޅުތައް، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް" އީޔޫގެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިވަގުތު ދަތިކުރުމުގެ ފިވަތަޅުތައް އަޅާފައި ވަނީ ވިޔަފާރި، މާލިއްޔަތު، ޓެކްނޮލޮޖީ އަދި ޑައުއަލް ޔޫސް މުދަލާއި ސިނާއަތާއި ދަތުރުފަތުރާއި ލަގްޒަރީ މުދަލަށް ހުރަސްއެޅުން ހިމެނޭ ގޮތަށް ދާއިރާތަކުގެ ފުޅާ ސްޕެކްޓްރަމްތަކެއްގެ މައްޗަށް" އީޔޫ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ރަޝިޔާއާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަގުން ސާފުނުކުރާ ތެލާއި ތެލުގެ އުފެއްދުންތައް ރަޝިޔާއިން އީޔޫއަށް އެތެރެކުރުން ނުވަތަ ބަދަލުކުރުން މަނާކުރުމާއި، ރަޝިޔާގެ ބައެއް ބޭންކުތައް ޑި-ސްވިފްޓްކުރުމާއި، ރަޝިޔާގެ ބައެއް މާސް މީޑިއާތަކުގެ ބްރޯޑްކާސްޓިން ހަރަކާތްތަކާއި ލައިސަންސްތައް މެދުކަނޑާލުންވެސް ހިމެނެއެވެ.

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕުގައި ތެލާއި ގޭހުގެ އަގު މައްޗަށް އުފުލި އާންމުން ގެންދަނީ ދޭތެރެ ދޭތެރެއިން ޔޫރަޕުގެ ބޮޑެތި ބާރުތައް ކަމުގައިވާ ފްރާންސާއި ޖަރުމަނުފަދަ ގައުމުތަކުގައި މުޒާހަރާ ކުރަމުންނެވެ. ޔޫރަޕަށް ތެލާއި ގޭސް ބޭރު ކުރުމުގެ ބަދަލުގައި ރަޝިޔާއިން މިހާރު އަމާޒު ހިފާފައި ހުރީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދެއިގްތިސާދު ކަމުގައިވާ ޗައިނާ އާއި އިންޑިޔާގެ މާކެޓަށެވެ. ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ރަޝިޔާއިން ވަނީ މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި އެގައުމުގެ އިގްތިސާދު %7 ކުރިއަށް ޖައްސާފައެވެ.