މިއަދު ހެނދުނު 8:30 ހާއިރުން ފެށިގެން މާލެ ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި މާލެ އާއި ހުޅުލޭގެ އެކިހިސާބުތަކުގައި ފޫޓަަކަށްވުރެ ބޮޑަށް ފެންބޮޑުވެއްޖެއެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުން ސްޓެލްކޯ ބިންދޮށުން ފެށިގެން ސިޓީ ކައުންސިލް ހިމެނޭ ސަރަހައްދާއި މާފަންނު ކޮޅު ދިވެހިރާއްޖޭގެ އަޑު ހިމެނޭ ސަރަހައްދާއި އައިޖީއެމްއެޗް ހިމެނޭ ސަރަަހައްދާއި އެސްޓީއޯ އިލެކްޓްރޯނިކްސް އާއި ކަސްޓަމްސް ބިލްޑިންގ ހުރި ސަރަހައްދާއި އޭޑީކޭ ޓަވަރ ހުރި ސަރަހައްދު ފާހަގަ ކޮށްލެވެއެވެ. މިސަރަހައްދު ތަކުގައި ފޫޓަކަށްވުރެ މައްޗަށް ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިންދުމުގެ މަސައްކަތް ޕަންޕް ބޭނުން ކޮށްގެން ސިފައިން މިހާރު ވަނީ ފަށާފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރައްވާ ގޮތުގައި މާލެ އަތޮޅުން ފެށިހެން މ. އަތޮޅަށް މިއަދާއި މާދަމާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ކަމުން މިވަގުތު ތަކުގައި މޫސުމަށް ސަމާލުކަން ދިނުމަށް އެއިދާރާއިން އިލްތިމާސް ކުރެއެވެ.