ނިއުޒީލެންޑާއި އޮސްޓްރޭލިޔާގައި އިއްޔެ ފެށި ފީފާ އަންހެނުންގެ ވަރލްޑް ކަޕުގެ ރެފްރީން ތެރޭގައި ހިމެނުމުން ފަލަސްތީނުގެ ހިބާ ސާދިޔާއަށް ތަފާތު އުފަލަކާއެކު ތާރިހުން ޖާގަ ލިބިއްޖެއެވެ.
ހިބާ ސާދިޔާ ވެގެންދާނީ ވަރލްޑް ކަޕުން (ފިރިހެނުންގެ ވަރލްޑް ކަޕް ހިމެނޭ ގޮތަށް) ފެންނާނެ ފަލަސްތީނުގެ ފުރަތަމަ ރެފްރީ (ފިރިހެން ރެފްރީއިން ހިމެނޭ ގޮތަށް) އަށެވެ.
އުމުރުން މިހާރު 34 އަހަރުގެ ސާދިއާ ކުޑައިރުވެސް މޮޅު ރެފްރީއަކަށްވާން ބޭނުންވިއެވެ. އެކަމަކު އޭނާ މިހިސާބަށް އައުމަށް ދަތުރު ކުރީ ފަސޭހަ މަގުތަކަކުން ނޫނެވެ.
ސާދިޔާ ކުޑައިރުއްސުރެ އުޅެބޮޑުވީ އޭރު ތަނަވަސްކަމާއި ފުުޓްބޯޅައިގެ ފޯރި އޮތް ސީރިޔާގައެވެ. ސީރިޔާގެ ޔުނިވަރސިޓީއެއްގައި 2010 ވަނަ އަހަރު ސްޕޯޓްސް އެޑިއުޖޭޝަންގެ ދާއިރާއިން ކިޔަވަށް ފެށިއިރު އޭނާއަށް ފާހަގަވީ އެއްވެސް އަންހެން ކުއްޖަކު ފުޓްބޯޅަ ރެފްރީޒް ޓްރެއިނިންގައި ބައިވެރި ނުވާ ކަމެވެ. ސާދިޔާ ބޭނުންވާ އެކަން ބަދަލު ކޮށްލުމަށް ރެފްރީޒް ޓްރެއިންގައި ބައިވެރިވުމަށެވެ.
އެކަމަކު ކަންތައް ވެގެންދިޔައީ އުއްމީދު ކުރި ގޮތަކަށް ނޫނެނެވެ. ރެފްރީއަކަށް ވުމަށް ކުރަމުންދިޔަ އުއްމީދުގައި ކުލަ ޖެހުމުގެ ކުރިން، ސީރިއާގައި ފެށުނު ދާޚިލީ ހަނގުރާމައިގެ ސަބަބުން އާއިލާއާއެކު މެލޭޝިޔާއަށް ބަދަލުވުމަށް އޭނާއަށް މަޖުބޫރުވިއެވެ.
ރެފްރީކަން ކުރުމުގެ ރޮނގުގައި ފައިތިލަ ސާބިތުކޮށް މިދާއިރާއިން ސާދިޔާ ހިނގައި ގަތީ މެލޭޝިޔާގައެވެ. އޭރު މުޅި މެލޭޝިޔާގައިވެސް ތިބީ އަންހެން އެންމެ 3 ރެފްރީއިންނެވެ. އެއަށްފަހު 2016 ވަނަ އަހަރު އ.ދ އިން ހިނގި ވަޒަންވެރިކުރުވުމުގެ ޕްރޮގްރާމެއް ދަށުން އާއިލާއާއެކު ސާދިޔާ ސްވިޑަންއަށް ބަދަލުވިއެވެ. ލިބުނު ފުރުސަތުތަކާއެކު ރެފްރީއެއްގެ ގޮތުގައި ސާދިޔާ ފިޔަޖަހަން ފެށީ ސްވިޑަންގައެވެ.
މިއަދު އޭނާއަކީ ސްވިޑަންގެ އަންހެން ފުޓްބޯޅަ ލީގުގެ އެންމެ އިތުބާރު ކުރާ އެއްރެފްރީއެވެ. އަދި ސްވިޑަންގެ ފިރިހެން 2 ވަނަ ޑިވިޜަނުގައިވެސް އޭނާ ރެފްރީކަން ކުރެއެވެ. ޔޫރަޕުގައި ދިރިއުޅުނަމަވެސް، އަމިއްލަ ވަތަނާއި އަމިއްލަ ބައްރުދެކެ ސާދިޔާވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެއްބާރުލުން ދިނުމާއި އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގޮވާލި ކޮންމެ ފަހަރު ސާދިޔާ ވަނީ އެކަމަށް އިޖާބަދީ އެއްބާރުލުން ދީފައެވެ.
މިގޮތުން އަންހެނުންގެ އޭޝިޔަން ކަޕާއި ވަރލްޑް ކަޕް ކޮލިފިކޭޝަން (އަންހެނުންގެ ވަރލްޑް ކަޕް) ގެ އޭޝިޔާ ބައްރުގެ މެޗުތަކުގައި އޭނާ ވަނީ އިންސާފު ކޮށްފައެވެ. މީގެ އިތުރުން ޓޯކިޔޯ އޮލިމްޕިކްސް އަންހެން ފުޓްބޯޅަ މެޗުތަކަށްވެސް ސާދިޔާ އިންސާފު ކުރިއެވެ.
"އަހަރެން ވަރަށް ފަޚްރުވެރިވަން ރެފްރީއެއް ގޮތުގައި ކުރިއަށް ދެވުނީތީވެ. އަދި އެހެން މީހުންނަށް މިދޮރު ހުޅުވާލަ ދެވޭނެ ކަމަށް އަހަރެން އުއްމީދު ކުރަން" އަލް ޖަޒީރާއަށް ދިން ބަސްދީގަތުމެއްގައި ސާދިޔާ ބުންޏެވެ.
ރެފްރީއެއްގެ ގޮތުގައި އޭނާ މިހޯދި ކާމިޔާބީގެ ސަބަބުން އެކި ދާއިރާތަކުން ކުރިޔަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ ފަލަސްތީނުގެ އެތައް އަންހެން ކުދިންނެއްގެ "އިންސްޕިރޭޝަން" އަކަށް މިއަދު ސާދިޔާ ވަނީ ވެފައެވެ.