ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ސެނަގާލް ގައުމީ ޓީމުގެ ކެޕްޓަން ސާޑިއޯ މާނޭ، ސައުދީ ލީގުގައި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރަށް ބަދަލުވުމަށް އެއްބަސްވެއްޖެ ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

އަލް ނަސްރުން މިދިޔަ މެއި މަހުވެސް މާނޭ ގަތުމަށް ޝައުގުވެރިކަން ފާޅު ކުރިއެވެ. އެކަމަކު އޭރު މާނޭ ބުނީ ބަޔާން މިޔުނިކުގައި މަޑު ކުރަން ބޭނުންވާ ކަމަށެވެ. އެކަމަކު އޭނާ ވިއްކާލުމަށް ބަޔާން މިޔުނިކުން ގެންގުޅޭ ހިޔާލް ދޫކޮށް ނުލުމުން ސައުދީ ލީގަށް ބަދަލުވާން މާނޭ ނިންމީކަމަށް ފެބްރީޒިއޯ ބުނެއެވެ.

ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބު ކުރުމަށްފަހު އެކްލަބުން އޭނާ ދޫކޮށްލުމުން ބަޔާން މިޔުނިކާ ގުޅުނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ބަޔާންގައި މާނޭއަށް އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. މީގެ އިތުރުން ބަޔާންގެ ޓީމް މޭޓް ލެރޮއީ ސާނޭއަށް މާނޭ ހަމަލާ ދިނުމުން އޭނާ އާއި ކްލަބުގެ ބޯޑާދެމެދު އޮތް ގުޅުން ގޯސްވެގެން ދިޔައެވެ.

ސައުދީ ލީގުން ދަނީ ޔޫރަޕުގެ ކްލަބުތަކަށް ކުޅެމުން އަންނަ ތަޖުރިބާކާރު ކުޅުންތެރިން ސައުދީ ލީގަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މިހާރުވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސައުދީ ލީގުގެ ކްލަބަތާ ވަނީ ގުޅިފައެވެ. މީގެ ތެރޭގައި ކަރީމް ބެންޒީމާ އާއި ރިޔާދް މަހްރޭޒް އާއި އެންގްލޯ ކަންޓޭ، ކުލިބަލީ، ފުރްމީނޯ، މެންޑީ، ރުބެން ނެވެސް ފާހަގަ ކޮށްލެވެއެވެ.