ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެއެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް އަދީބު ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުންތައް ދީފައިވާތީ މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ.

އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ހާމަކޮށްފައިވާ ގޮތުގައި އަދީބު ފަރުވާ ހޯދަމުން ދަނީ ފުރާނައަށް ނުރައްކާ ވާފަދަ ނާރުގެ ބައްޔަކަށް ކަމަށެވެ.

ރާއްޖޭން ބޭރަށް ބޭސްފަރުވާއަކަށް ވަޑައިގަންނަވަން ސަރުކާރުން ދިން ދިހަ ދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހިދުމަތުން ހުއްދަ ދެވޭ މުއްދަތަށް ބޭސްފަރުވާގެ ކަންކަން ނުނިމޭނަމަ، އެ ކަމަށް އެދުމުން، އޮންނަ އުސޫލުގެ ތެރެއިން އެ ކަމަށް ޕްރޮސެސްކޮށްދޭން އެދޭން އޮންނަ އުސޫލުން އަދީބު ވެސް ވަނީ އެދިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި، އަދީބަށް ވިހި އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނިކޮށް، ސިއްހީ ހަލި ހުރިގޮތުން އަދީބު ވަނީ ޖަލުން ގެއަށް ބަދަލުކޮށްފައެވެ.