މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު 2023 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާދަމާއިން ފެށިގެން ހުޅުވާލެވޭ މިފުރުސަތުގެ ސުންގަޑިއަކީ އޮގަސްޓްމަހުގެ ހަތްވަނަ ދުވަހު 1400އެވެ.

އިންތިހާބަށް ކުރިމަތިލާން ހުޅުވާލިކަން ހާމަކޮށް އަންގާފައި ވަނީ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު އިއުލާނެއްގައެވެ. އިއުލާންގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މާދަމާ ހެނދުނު 9:00 އިން ފެށިގެން ހުޅުވާލެވިފައިވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ މިމުއްދަތު ހަމަވާނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ކަމަށްވެސް ކޮމިޝަނުން ނެރެފައިވާ މި އިއުލާނުގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އިންތިހާބީ ކަމާބެހޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އެ ތަކެތި އީސީން ބަލައިގަންނާނީ މާދަމާއިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ހުށަހަޅާ ފޯމުތައް ބަލައި ގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.

އިންތިހާބުގައި ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް:

  • ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމަށްވުން
  • ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށްވުން
  • އުމުރުން 35 އަހަރުވެފައިވާ މީހަކަށްވުން
  • ބުއްދި ހަމައަށް ހުރި މީހަކަށްވުން
  • އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، އެ ދަރަނި ހަލާސް ނުކޮށް ހުރި މީހަކު ކަމަށް ނުވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރިތާ ތިން އަހަރު ވެފައިވާ މީހަކަށްވުން
  • އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން

މަތީގައި ދަންނަވާފައި މިވާ ޝަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގެވެސް، ހުންނަންޖެހޭނީ ޝަރުތުތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހޭ ކަމަށްވެސް އީސީން ބުނެފައިވެއެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތުގެ ހަމަވާން ޖެހޭ ހާއްސަ ޝަރުތުތަކެއް ވާގޮތަށް އިންތިހާބަށް ކުރިމަތިލާ ފަރާތުން ކަނޑައަޅާ އިންތިހާބީ އޭޖެންޓުގެ ވެސް ހާއްސަ ޝަރުތުތަކެއް ވެއެވެ. މިއީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގަވާއިދެކެވެ.

ރަސްމީ އިންތިހާބީ އެޖެންޓުގެ ޝަރުތުތައް:

  • ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކަށް ނުވުން
  • އިންތިހާބުގެ ކަންތައްތައް އީސީން އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހަކަށް ނުވުން
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާ ކުރަމުން ނުދާ މީހަކަށް ނުވުން
  • ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ނުވާ މީހަކު ކަމުގައި ނުވުން

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން، ރިޔާސީ އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން އީސީގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ހާޒިރުވެ ކަމާބެހޭ މައުލޫމާތުތަކާއި، ލިޔުންތަކާއި ތަކެތި ހުށަހަޅަން ވާނެ ކަމަށެވެ. އަަދި އެމީހަކަށް ހާޒިރުވެވެން ނެތްނަމަ ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް ސިޓީއަކުން ނުވަތަ މެސެޖަކުން އެ މައުލޫމާތާއި ތަކެތި އެ ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ވެސް އީސީން ބުނެފައިވެއެވެ.

އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލާ މީހެއްނަމަ، ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ހުށަހަޅާ 1500މީހުންގެ މައުލޫމާތު {(އުމުރުން އަށާރަ އަހަރު ފުރިފައިވުން) ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި ސޮއި މިފޯމުތަކުގައި ފުރިހަމައަށް މިމައުލޫމާތުތައްހުންނަން ޖެހޭނެއެވެ.} ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލާން ކަނޑައެޅިފައިވާ 24 މައުލޫމާތެއް ހުށަހަޅަން ޖެހެއެވެ. މިހުރިހާ މައުލޫމާތެއްވެސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލިކަން ހާމަކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އެކޮމިޝަނުން ޝާއިއު ކުރި އިއުލާންގައި ފުރިހަމައަށް ތަފުސީލުކޮށް ވަނީ ހިމަނާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަރަދު ކުރެވޭނީ އެ ކެނޑިޑޭޓެއްގެ ނަމުގައި ބޭންކެއްގައި އާ އެކައުންޓެއް ހުޅުވައިގެން ކަަމަށްވެސް އީސީން ވަނީ ބުނެފައެވެ. އަދި އެކަމާބެހޭ ފޯމަކީވެސް މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ފޯމުތަކުގެ ތެރޭގައި ހިމަނާފައިވާ ފޯމެއް ކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން، އިންތިހާބަށް ކުރާ ހަރަދުތަކުގެ ދެފުށް ފެންނާނެފަދަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ހާއްސަ ގައިޑްލައިނެއް ނެރޭނެ ކަމަށާއި، އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅާން ޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ނަމޫނާ އީސީގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. އަދި ސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑު ކުރެވޭނެކަމަށްވެސް އީސީގެ އިއުލާނުގައި ވެއެވެ.