މިފެށޭ ދިރާސީ އައުއަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވާ ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ކުޅުދުއްފުށީސިޓީ އަފީފުއްދީން ސުކޫލުގެ ޕްރިންސިޕަލްއަކަށް އުޅުއްވި ނާސިޙާ އިދުރީސް ހަމަޖައްސައިފިއެވެ.

ނާސިހާ އިދުރީސަށް ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމް ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލައްވައި އެންމެ މަތިން މާކްސް ހޯއްދައިވައިގެންނެވެ.

2005 ވަނަ އަހަރު ކިޔަވައި ދިނުމުގެ ތެރެއަށް ނާސިހާ ފުރަތަމަ ފިޔަވަޅު އެޅުއްވީ މިޑްލްސްކޫލް މުދައްރިސާއެއްގެ ގޮތުގައި ޢިމާދުއްދީން ސްކޫލުންނެވެ. މުދައްރިސެއްގެ ގޮތުގައި ފެށި މިދަތުރުގައި ނާސިހާ ކުރިއަށް ފިޔަވަޅު ނަންގަވަމުންދިިޔައީ ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަރުއްވަމުން ތަރައްގީއާއެކުގައެވެ. އެގޮތުން ނާސިހާ ވަނީ ލ. އިސްދޫ ސްކޫލާއި ހދ. ވައިކަރަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ޕްރިންސިލްގެ މަގާމު އަދާކުރެއްވާފައެވެ.

2015 ވަނަ އަހަރު ނާސިހާ އަފީފުއްދީނުގެ ޕްރިންސިޕަލް ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއެވެ. ކުޅުދުއްފުށީ ސުކޫލުތަކުގެ ތާރީހުގައި ލިޔެވިގެންދިޔަ "ކުޅުދުއްފުށީ ސްކޫލު"ގެ ފުރަތަމަ އަންހެން ޕްރިންސިޕަލަކީ ނާސިހާއެވެ. ހަތްއަހަރާއި ހަތްމަސްދުވަހުގެ ޒިންމާ އަދާކުރެއްވުމަށްފަހު އެ ސްކޫލުގެ ޕްރިންސިޕަލް ކަމުން ނާސިހާ ވަނީ ވަކިވެވަޑައިގަންނަވާފައެވެ.

އަންހެން ޕްރިންސިޕަލަކަށްވުމުން އެކަމާ ސުވާލު ކުރާނެ ފަރާތްތައް މަދެއް ނުވާނެއެވެ. ހަތްއަހަރުތެރޭގައި ނާސިހާ ކުރެއްވި މަސައްކަތްތައް ކިތަންމެހާވެސް ފުރިހަމައެވެ. ތައުލީމީ ދާއިރާއަކީ ގޮންޖެހުންތައް ގިނަ އެހާމެ ނާޒުކު ދާއިރާއެކެވެ. ކުޅުދުއްފުށީ އަފީފުއްދީނު ސުކޫލުގެ ހާލަތު އެންމެ ފުރަތަމަ ނާސިހާ އެސުކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވި އިރު ހުރި ހިސާބާ މިހާރު ހުރި ހިސާބާ އަޅާ ކިޔެވޭ ވަރަށްވުރެ ފުރިހަމައޭ ދެންނެވުން ގޯހެއްނުވާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ޞަލާހުއްދީނަކީ ގުރޭޑް 1ން 10 އަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެކެވެ.