އިންޑިއާގެ ހުޅަނގު ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާ ބިންގަނޑު ކަނޑައިގެން ގޮސް 22 މީހުން މަރުވެ، ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުގައި 100 އަށްވުރެ ގިނަ މީހުން ތާށިވެއްޖެއެވެ.

މަހާރާޝްތުރާގެ ރައިގަޑް އަވަށުން ބިންގަނޑު ކަނޑައިގެން ގޮސް ގިނަބަޔަކު މަރުވެ އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވަނިކޮށެވެ.

"ކުއްލިއަކަށް ބިންގަނޑު ތެޅިގަތުމުން އަހަރެމެން ގެއިން ބޭރަށް ދުވެފައި ދިޔައީ. މިތަނުގައި މީގެ ކުރިން [ބިންގަނޑު ކަނޑައިގެން ދިއުން] ހިނގާފައެއް ނުވޭ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ފަރުބަދަ ވެއްޓޭނެ ކަމަކަށް. އެހެންވެ އެތަނުގައި މީހުން އުޅުނީ" މިހާދިސާގައި ސަލާމަތްވި މީހަކު ބީބީސީއަށް މައުލޫމާތު ދެމުން ބުންޏެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދެތިން ދުވަހު ވެސް މަހާރާޝްތުރާ ސްޓޭޓް ހިމެނޭ ގޮތަށް ބައެއް އެހެން ސްޓޭޓްތަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ރިލީފް ކޭމްޕްތައް ހަދައި ސަލާމަތް ކުރެވުނު 98 މީހުންނަށް ފަރުވާ ދީފައެވެ.

މިހާދިސާއާ ގުޅިގެން މަހާރާޝްތުރާގެ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ މިއަދު ވިދާޅުވީ މަރުވި މީހުންގެ އާއިލާތަކަށް، މަރުވި ކޮންމެ މީހަކަށް 6،000 ޑޮލަރު ބަދަލުގެ ގޮތުގައި ދެއްވާނެ ކަމަށެވެ.