ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހޭރީ ކޭން ގަތުމަށް ބަޔާން މިޔުނިކުން 100 މިލިޔަން ޕައުންޑް ހުށަހަޅަން ތައްޔާރުވެއްޖެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

ބަޔާން މިޔުނިކުން 100 މިލިޔަން ޕައުންޑް ހުށަހަޅަން ތައްޔާރު ވެފައި މިވަނީ، މީގެ ކުރިން އެކްލަބުން ހުށަހެޅި ދެހުށަހެޅުމަކަށް ޓޮޓެންހަމްއިން ނޫނެކޭ ބުނެފައި ވަނިކޮށެވެ.

ކޭންއަށް 100 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ހުށަހެޅުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރަސްމީކޮށް ބަޔާން މިޔުނިކުން ވާހަކަ ދައްކާފައެއް ނުވެއެވެ. އެކަކަމު އެކްލަބުގެ މަސްއޫލުވެރިން ބުނަމުން ދަނީ އެކްލަބުން މިހާތަނަށް ކޭން ގަތުމަށް ހުށަހެޅި 2 ބިޑަށް ޓޮޓެންހަމްއިން ނޫނެކޭ ބުނެފައިވީނަމަވެސް ކޭން ގެނެވޭނެ ކަމާމެދު ކަންބޮޑުނުވާ ކަމަށެވެ.

ކޭން، ޓޮޓެންހަމްއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި މިހާރު ބާކީ އޮތީ 1 އަހަރެވެ. ޓޮޓެންހަމްއިން ހުށަހަޅާފައިވާ އައު ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ކޭން ދަނީ ދެކޮޅު ހަދަމުންނެވެ. އެކަމަކުވެސް ޓޮޓެންހަމްއިން ދަނީ އޭނާ ހިފެހެއްޓުމަށް ގިނަ އުކުޅުތަކެއް ބޭނުން ކުރަމުންނެވެ. އިނގިރޭސި ގައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ދާދިފަހުން ބުނެފައި ވަނީ ޓޮޓެންހަމްއިން ކޭން ކަސްތޮޅު އަޅުވާފައިވާ ކަމަށާއި ކެރިޔަރުގައި ނިމުމުގެ ކުރިން ކޭންވެސް ތައްޓެއްގައު އަތްލަން ބޭނުންވާނެކަން ޓޮޓެންހަމްއިން ދަންނަން ޖެހޭނެ ކަމަށެވެ.