ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސްގެ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކެއް ގެއްލޭތީ ކަމަށް ބުނެ ޔާމީންގެ ފަރާތުން ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިރޭގެ ވަގުތެއްގައި ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

"ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބި ހައގުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން."
ރައީސް ޔާމިންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް

ވ. އާރަށު މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އެގާރަ އަހަރުގެ ޖަލު ހުކުމެއް ވަނީ ޔާމީނަށް އިއްވައިފައެވެ. އެ ހުކުމް ހައި ކޯޓުގައި ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން މިއަޑުއެހުންތައް އޮތީ މަޑުޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާއިރު ސުންގަޑި އަކީ އޮގަސްޓް މަހުގެ ހަތްވަނަދުވަހެވެ. އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މިހާ ކުޑަވަމުން އަންނައިރު، އިދިކޮޅުން ތަކުރާރުކޮށް ބުނަމުންދަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޖަލުގައި އޮތް ނަމަވެސް ކެންޑިޑެންސީ ފޯމް ހުށައަޅާނެކަމަށެވެ.