ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނިންމާފައި ވަނީ، މާދަމާއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް، އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑު ކުރުމަށެވެ. މިހާރުވެސް ސަސްޕެންޝަނުގައި ހުރި އިސްމެޖިސްޓްރޭޓް އަލީ އާދަމް މާދަމާއިން ފެށިގެން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމާފައި މިވަނީ އަލީއާދަމް މިހާރު ސަސްޕެންޑްގައި ހުރި މައްސަލަ ނޫން އެހެން މައްސަލައަކާ ގުޅިގެންނެވެ. އެ މިފަހަރު ސަސްޕެންޑު ކުރާ މައްސަލައަކީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި، މެސެޖުކޮށް ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ޖޭއެސްސީން ބުނީ، މާދަމާއިން ފަށައިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އިސްމެޖިސްޓްރޭޓް އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ "ހަސްމަކަށް ގުޅައި މެސެޖު ކުރި މައްސަލަ"އާ ގުޅިގެން ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ނަގާފައިވާ ބަޔާނަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިނިންމުން ނިންމާފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިއާޔަތްކޮށްފައިކަމަށްވެސް ޖޭއެސްސީން ހާމަކުރެއެވެ.

މިހާރުވެސް އިސްމެޖިސްޓްރޭޓް އަލީ އާދަމް ހުންނެވީ ޖޭއެސްސީން ބަލަމުންދާ ހަމަ އެ ބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައެވެ. މިސަސްޕެންޝަނުގައި، މިއަހަރުގެ މެއި މަހުގެ 25ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުންނެވުމަށް އަލީއާދަމްއަށް ވަނީ އަންގާފައެވެ.