ޕޭވްމަންޓް މައްޗަށް ކާއެއްޗެހި އަޅައިގެން ކޮތަރަށް ކާން ދިން މީހަކު ސިންގަޕޫރު ކޯޓަކުން 55،000 ދިވެހި ރުފިޔާ (4800 ސިންގަޕޯ ޑޮލަރ) އިން ޖޫރިމަނާ ކޮށްފިއެވެ.

ސިންގަޕޫރު ކޯޓުން ޖޫރިމަނާ ކުރީ އެގައުމުގެ ރައްޔިތެއް ކަމަށްވާ އުމުރުން 67 އަހަރުގެ ވީ ރަޖަންދްރަން ނަމަކަށް ކިޔާ މީހެކެވެ. ކޮތަރަށް ކާން ދިނުމުގެ ކުށުގައި ރަޖަންދްރަން ވަނީ މީގެ ކުރިން 2018 ވަނަ އަހަރު 450 ސިންގަޕޯ ޑޮލަރުން އަދި 2020 ވަނަ 500 ސިންގަޕޯ ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ކޯޓުން ކުރި ހުކުމުގައި ބުނީ މަގުމައްޗަށް ކާއެއްޗެހި އުކައިގެން ކޮތަރަށް ކާން ނުދިނުމަށް މަގުމަތި ބަލަހައްޓާ އޮފިސަރުން އެތައް ފަހަރަކު ރަޖަންދްރަންއަށް ނަސޭހަތްތެރިވި ކަމަށެވެ. އެކަމަކު އެއަޑު ނާހައި 15 ފަހަރު ކޮތަރަށް ކާން ދިނުމަށް ރަޖަންދްރަން މަގު މައްޗަށް ކާއެއްޗެހި އުކި ކަމަށެވެ.

ޝަރީއަތުގެ މަޖިލީސް އަޑުއަހަމުން ރަޖަންދްރަން ދިޔައީ މަޑުމައިތިރި ކަމާއެކުއެވެ. އަދި ދިފާއުގައި ބުނާނެ އެއްޗެއް އޮތްތޯ ސުވާލު ކުރުމުން ބުނީ "ބުނާނެ އެއްޗެއް ނެތް" ކަމަށެވެ.

ރަޖަންދްރަން ކޮތަރަށް ކާންދެނީ އޭނާ ކެއުމަށްފަހު ބާކީ ހުންނަ ބަތާއި ކައިރި ފިހާރަތަކުން ޕާން ގަނެގެންނެވެ. ޕާން ގަންނަ ކޮންމެފަހަރަކު 25 ސިންގަޕޯ ޑޮލަރސް (290 ދިވެހި ރުފިޔާ) ރަޖަންދްރަން ޚަރަދު ކުރާ ކަމަށްވެއެވެ.

ސިންގަޕޫރު ކޯޓުން ބުނީ ރަޖަންދްރަން ކޮތަރަށް ކާންދިނީ ސިންގަޕޫރުގެ ވަލު ޖަނަވާރާއި ދޫނި ހިމާޔަތް ކުރާ ޤާނޫނާ ހިލާފަށް ކަމަށެވެ. ސިންގަޕޫރު ގާނޫން ވަލު ޖަނަވާރުގެ ގޮތުގައި ކަނޑައަޅާފައިވާ ތަކެއްޗަަށް ކާން ދިނުމަށް މަގު މައްޗަށް ކާއެއްޗެހި އެޅުމަކީ މަނާ ކަމަކެވެ.