ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ކުރިއަށް ގެންދިޔަ ”ސްމޯލް ބޯޓު އިންޖީން މެއިންޓަނަންސް ޓްރެއިނިންގ ކޯސް 2” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކޯސް ނިންމުމަށް މިމަހު ވިހި ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސްއެވެ. އަދި މި ރަސްމިއްޔާތުގައި، ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން ޓީމް ލީޑަރ އޮފް ދި މޯލްޑިވްސް މިސްޓަރ ދިނޭޝް ސާގަރާ ލޮކްގެ ބައިވެރިވެލެއްވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިބްރާހީމް އަދުނާން އަނީސް ދެއްކެވި ވާހަކަފުޅުގައި، ކަނޑުމަތިން އުޅަނދުގެ އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި އުކުޅުތައް ދަސްވެގެން ދިއުމަކީ ކަނޑުމަތީގައި މަސައްކަތްކުރާ ފުލުހުންނަށް ލިބިގެންދިޔަ ފުރިހަމަ ބޭނުންތެރި ތަޖުރިބާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކޯހެއްގެ މުހިންމުކަން ފާހަގަކުރައްވައި، ކޯހުން ލިބިގެންދިޔަ އިލްމާއި ހުނަރުގެ ބޭނުން މުސްތަގުބަލުގައި ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ޖުލައި 16 އިން 20 އަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ނުވަ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ މި ކޯހުގައި، އުޅަނދު ގަވާއިދުން ޗެކުކުރުމުގައި ބަލަންޖެހޭ މުހިންމުކަންތައްތަކާއި އިންޖީނުތަކަށް އާންމުކޮށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދަސްކޮށްދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، ކަނޑުމަތީގައި އިންޖީނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭނެ އުކުޅުތަކާއި އިތުރަށް މައްސަލަ ގޯސްވިޔަ ނުދީ ހިކިފަސްތަނަކާ ހަމައަށް އުޅަނދު ގެންދިއުމަށް ކުރަންޖެހޭ އަދި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ