ފުރާނައިގެ ކާނާ: ވަކިފަރުދުންނަށް ބެލުން

އެއްދުވަހަކު މީހަކު ބައިސްކަލެއް ދުއްވާފައި ދިއައެވެ. ކުއްލިއަކަށް ބުރަކި ތާށިވެގެން ބައިސްކަލް ހުއްޓިއްޖެއެވެ. ނަސީބު ރަނގަޅުކަމުން ވަރަށް ކައިރީގައި ބައިސްކަލު ހަދާ ތަނެއް ހުއްޓެވެ. އޭނާ ބައިސްކަލް މަރާމާތު ކުރުވަން އެ ތަނަށް ހިނގައްޖެއެވެ. އޭނާ ހީކޮށްގެންހުރީ ބައިސްކަލް ހަދާމީހާ އެންމެ ފުރަތަމަ ބަލާނީ ފޮރޮޅާ ދިމާއިން ބުރަކި ތާށި ވެފައި ުރިތަނަށް ކަމަށެވެ. އެހެން ނަމަވެސް އެމީހާ ބައިސްކަލުގެ އެންމެ ތަނަކާ ކުޅެން ފެށީމާ އޭނާހުރީ ހައިރާން ވެފައެވެ. އޭނާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެމީހާ ބައިސްކަލު ރަނގަޅުކޮށް ނިންމައިފިއެވެ. ” މިހާރު ރަނގަޅުވާނެ- ބައިސްކަލް އަވަހަށް ގެންދަވާ” އެމީހާ ބުންނެވެ. އޭނާ ބައިސްކަލަށް އަރައިގެން ދުއްވައި ލިއެވެ. މިހާރު އެއްވެސް މައްސަލައެއް ނެތެވެ.

އެ ބައިސްކަލާއި އިންސާނީ މުޖުތަމަޢާ މާ ބޮޑު ތަފާތެއް ހުރިކަމަށް ނުދެންނެވޭނެއެވެ. މުޖުތަމަޢުގައި ނުބައެއް އުފެދިއްޖެނަމަ މީހުން އެންމެ ފުރަތަމަ ބަލަނީ އެ ނުބައެއް އުފެދުނު ތަނަށެވެ. ގިނަ މީހުން ދެކޭނީ މައްސަލައިގެ ހައްލުވެސް އޮތީ އެތާނގައި ކަމަށެވެ. އެކަމަކު ހަގީގަތަކީ މިއީއެއް ނޫނެވެ. މައްސަލައިގެ މުގޫ އޮންނަނީ މުޅީން އެހެން ތަނެއްގައެވެ. މައްސަލަ ހިނގި ތަނާ މާދުރުގައެވެ. މުގުލާ ހަމައަށް ގޮސްގެން މައްސަލަ ހައްލު ނުކުރެވޭހާ ހިނދަކު ހަގީގީ މައްސަލަ ނެތިގެނެއް ނުދާނެއެވެ.

Advertisements

މިސާލަކަށް މުޖުތަމަޢަކުން އެއްބައެއްވަންތަކަން ނެތިގެން ހިނގައިދާނެއެވެ. ނުވަތަ ބަޔަކު އަނިޔާވެރިކަމުގެ ދަށުގައިވެ ފިތިފައި ތިބެދާނެއެވެ. ވަކި މުޖުތަމަޢަކީ ދުނިޔޭގެ ނަޒަރުގައި ނުބައި މުޖުތަމަޢަކަށް ވެދާނެއެވެ. އެހެން ވެއްޖެނަމަ ދުނިޔޭގެ ކުރިމަތީގައި އެ މުޖުތަމަޢެއްގެ އަގެއް ނޯންނާނެއެވެ. މީހުން އިތުބާރެއް ނުކުރާނެއެވެ. މި ފަދަ މައްސަލަތައް ދުރުން ދެކޭ މީހަކަށް އެ މައްސަލަ ތަކުގެ ހައްލަކީ ޖަލްސާތައް ބޭއްވުމާއި މީހުން އެއްކޮށްގެން ޖަޒްބާތީ ވާހަކަ ދެއްކުން ކަމަށް ހީވެދާނެއެވެ. އަދި އެކި ކަހަލަ ގަރާރުތައް ފާސްކުރުމަކީ ހައްލުކަމަށް ދެކޭބަޔަކު ވެސް އުޅެދާނެއެވެ.

އެކަމަކު މިއީ މުޖުތަމަޢުގެ ހަގީގީ ބަލި ބަލިފިލުވައިލެވޭނެ ގޮތެއް ނޫނެވެ. އެ ބަލި ފިލުވައި ލުމަށްޓަކައި ޖެހެނީ ބަލީގެ އަސްލާ ހަމައަށް ދާށެވެ. ބަލީގެ ނަތީޖާއަށް ބަލައިގެން މަސައްކަތް ކުރުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. މުޖުތަމަޢުގެ ވަކި ދިމާއަކުން ފެންނަ ނުބައި ކަމެއްގެ އަސްލު އެހެން ދިމާއެއްގައި ފޮރުވިފައި އޮވެދާނެއެވެ. މިސާލަކަށް އެއްބައިވަންތަކަން ގެއްލިއްޖެނަމަ ވަކި ފަރުދުންގެ ތެރޭގައި އޮންނަންވާ އެކުވެރިކަމުގެ ރޫހް ނެތީއެވެ. އެހެންވީމާ މަސައްކަތް ކުރަން ވާނީ ވަކި ފަރުދުންގެ ވިސްނުމާއި ފިކުރު ބަދަލު ކުރެވޭތޯއެވެ. މުޖުތަމަޢުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފެށުމުގެ ކުރިން ވަކި ފަރުދުންގެ ހަމައިގައި އެ ކަމެއް އޮތް ގޮތް ބަލައިގެން ފިޔަވަޅު އަޅަންޖެހޭނެއެވެ. ގުދުރަތީ ގާނޫނަށް ވިސްނައިލީމާވެސް މީގެ މިސާލު ފެންނާނެއެވެ. މިސާލަކަށް ގަހެއްގައި ރަނގަޅުމޭވާ އަޅަނީ އެ މޭވާ އަށް ލިބިފައިވާ ހާސިއްޔަތެއްގެ ސަބަބުންނެއް ނޫނެވެ. އެއީ އިންދި އޮށެއްގެ ނަތީޖާއެވެ.

Advertisements