ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސިއްހީ ހާލަތާމެދު އެ ޕާޓީގެ މެމްބަރުން ވިސްނައިވަޑައިގަތުމަށް ވިދާޅުވެ ރޭ ދެއްކެވި ވާހަކަތަކަކީ ފިތުނައިގެ އިތުރުބޮޅެއް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ރައްދުދެއްވައިފިއެވެ.

މިއުވާން މިހެން ވިދާޅުވެ ރައީސް ނަޝީދަށް ރައްދު ދެއްވާފައިވަނީ ކުރައްވާފައިވާ ޓުވީޓެއްގައެވެ.

މިއުވާން ވިދާޅުވެފައިވަނީ އަދިވެސް ފެންނަނީ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ދައްކަވަން ފެއްޓެވި ތާކުންތާކު ނުޖެހޭ ބަހަނާތަކުގައި އުޅުއްވާ މަންޒަރު ކަމަށެވެ. އަދި ރައީސް ސާލިހާ ގުޅުވާ ފިތުނަވެރި ވާހަކަތައް ފެތުރުމުގައި ނަޝީދު މިހާރު ވަޑައިގެންފައިވާ ދަރަޖާމެދު ހިތާމަ ކުރައްވާ ކަމަށް ވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

"ޕްރައިމަރީއިން ބަލިވީމާ، ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް. އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަކުރަން- ހައިރާނެއް ނުވޭ، ހިތާމަކުރަން." މިއުވާން ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު، ރޭ ޑިމޮކްރެޓުންގެ ހަރުގޭގައި އޮތް ޖަލްސާގައި ވިދާޅުވީ ރައީސް ސާލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ވެރިކަމަކީ ޒުވާންކަމުގައި ކުރެވޭނެ ކަމެއް ކަމަށާއި އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ވެރިކަމަކީ ޒުވާންކަމުގައި ކުރެވޭނެ ކަމެއް. އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަވަމުން އަންނައިރު ރައީސް ސާލިހުގެ ކެމްޕެއިން ހަރަކާތްތައް ނުހަނު ވަރުގަދަ ކަމާއެކު ރާއްޖޭގެ އެކިހިސާބުތަކުގައި ކުރިއަށް ދާއިރު ދާދިފަހުން އިދިކޮޅު ކޯލިޝަން، ދަޑިމޮކްރެޓްސް، ޖޭޕީ، އަދި އެމްއެންޕީ ވަނީ ޕީޕީއެމް ރުހެންޏާ އެއްކެންޑިޑޭޓަކު އިދިކޮޅުން ނެރޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް ޕީޕިއެމްއިން އެދުނީ ރައީސް ޔާމީން ނެރުމަށެވެ. އަދި ދާދިފަހުން ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ އިއުލާންކޮށް، އިލްޔާސްލަބީބު ވަނީ ޕްރައިމަރީއަށް ކުރިމަތިލާފައެވެ.