މިހާރު ކުރިއަށްދާ އަންހެނުންގެ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްގެ މައްޗަށް 1-0 އިން ނެދަލޭންޑްސް ކުރި ހޯދިއިރު ވަރުގަދަ ފްރާންސް މޮޅުވިޔަ ނުދީ ޖެމައިކާއިން އެއްވަރު ކޮށްފިއެވެ.
ގްރޫޕް "އީ" ގެ ނެދަލޭންޑްސްއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ސްޓެފަނީ ވެން ޑަރ ގްރަގްޓެވެ. މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީވެސް ނެދަލޭންސްއިންނެވެ. ޕޯޗުގަލް ގޯލަށް އަމާޒުކޮށް ނެދަލޭންޑްސްއިން 12 ހަމަލާ ފޮނުވާލިއިރު ޕޯޗުގަލްއަށް ފޮނުވާލެވުނީ އެންމެ 2 ހަމަލާއެވެ.
މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހައިރާން ކުރުވަނިވި އެއްނަތީޖާ ޖެމައިކާއިން ހޯދީ ވަރުގަދަ ފްރާންސަށް ލަނޑެއް ޖެހުނަ ނުދީ އެއްވަރު ކޮށްގެންނެވެ. ޖެމައިކާއިން މެޗަށް ނިކުތީ ޑިފެންސަށް އިސްކަންދީގެން 4 ޑިފެންޑަރުންނާއި ޑީޕްކޮށް 4 މިޑްފީލްޑަރުން ކުޅޭ ގޮތަށް ރާވައިގެންނެވެ. ޖެމައިކާއިން މެޗް ނިންމާލަން ޖެހުނީ އިތުރު ވަގުތުގައި ފޯވާޑް ޚަދީޖާ ޝޯވްއަށް ދެއްކި ރަތްކާޑުގެ ސަބަބުން އެއްކުޅުންތެރިޔަކު މަދުކޮށެވެ. ފްރާންސް އަތުން ޕޮއިންޓެއް ލިބުމުން ޖެމައިކާ ކުޅުންތެރިން ވަނީ މެޗަށްފަހު ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.
މިމުބާރާތުގައި ދާދި ދެންމެ މޮރޮކޯ އާއި ޖަރުމަނު ބައްދަލު ކުރި މެޗް 6-0 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ޖަރުމަނެވެ. މީގެ ތެރެއިން 2 ލަނޑަކީ މޮރޮކޯ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެލަނޑެވެ. އޭގެ ކުރިން ނިމުނު އިޓަލީ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗް 1-0 އިން ކާމިޔާބު ކުރީ އިޓަލީއެވެ.