ބަންގަލަދޭޝްގައި މިހާރު ފެތުރެމުން އަންނަ ޑޭންގޫ ހުމުގައި މިހާތަނަށް 176 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ސިއްޚީ އިދާރާއިން ހާމަކޮށްފިއެވެ.

މަރުވި 176 މީހުންގެ ތެރޭގައި 14 އަހަރުން ދަށުގެ 31 ކުދިން ހިމެނެއެވެ.

ބަންގްލަދޭޝްގެ ސިއްޚީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ ސަރުކާރުން ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް ޑެންގޫހުން ފެތުރި ގައުމުގެ ސިިިއްޚީ ނިޒާމް އޮތީ އިމަރޖެންސީ ހާލަތަކަށް ވެއްޓިފައި ކަމަށެވެ.

ބަންގްލަދޭޝްގެ ސިއްޚީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރެއް ކަމަށްވާ އޭއެންޒެޑް ނަރުއްޒަމާން އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޑެންގޫ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.

"އޮގަސްޓް އަދި ސެޕްޓެމްބަރު މަހަކީ އާންމުކޮށް ބަންގްލަދޭޝްއަށް ވިއްސާރަ ކުރާ ދެމަސް. ޑެންގޫ ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ. ނޫނީ މިހާރު މިއޮތް ހާލަތު އިތުރަށް ގޯސްވެ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ" ނަރުއްޒަމާން ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހު އެކަނިވެސް ޑެންގޫ ޖެހިގެން 33،000 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނެވެ. ފަގީރުންގެ ނިސްބަތް ގިނަ ބަންގްލަދޭޝްގައި ކޮންމެ އަހަރެއްގެވެސް މެދުތެރޭގައި (ވިއްސާރަ މޫސުމާ ދިމާކޮށް) ޑެންގޫ ކޭސްތައް އާދަޔާ ޚިލާފަށް އިތުރު ވެގެންދެއެވެ. މިގޮތުން 2019 ވަނަ އަހަރު ޑެންގޫ ޖެހިގެން 179 މީހުން ބަންގްލަދޭޝްއިން މަރުވި ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ޑޭންގޫ ޖެހެނީ މަދިރީގެ ޒަރިއްޔާއިންނެވެ. ޑެންގޫ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި ހޮޑުލެވުމާއި ބޮލުގައި ރިއްސުމާއި ހުޅުހުޅާއި ގައިގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުން ލޭއައުމާއި އާދަޔާ ޚިލާފަށް ޕްލޭޓް ދަށްވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ.