ޕީއެސްޖީއިން ވިއްކާލުމަށް ނިންމާފައިވާ ފްރާންސްގެ ތަރި ކިލިއަން އެމްބައްޕޭ ގަތުމަށް ސައުދީގެ މުއްސަނދި ކްލަބް، އަލް ހިލާލުން ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 259 މިލިޔަން ޕައުންޑް މިއަދު ހުށަހަޅައިފިއެވެ.

ފުޓްބޯޅައިގެ ތާރިހުގައި މިހާތަނަށް އެންމެ އަގު ބޮޑު ޓްރާންސްފާ ފީއެއްގައި ކްލަބު ބަދަލު ކުރީ ބްރެޒިލްގެ ތަރި ނޭމާއެވެ. ބާސެލޯނާއަށް ކުޅެމުން ދަނިކޮށް 2017 ވަނަ އަހަރު ޕީއެސްޖީއިން ނޭމާ އެކްލަބަށް ގެންދިޔައީ ބާސާއަށް 200 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ދެއްކުމަށްފަހުއެވެ.

އަލް ހިލާލުން ދުނިޔޭގެ ރެކޯޑް ފީއެއް އެމްބައްޕޭއަށް ހުށަހެޅިނަމަވެސް ޕީއެސްޖީއިން އެހުށަހެޅުން ބަލައިގަތް ކަމުގެ އެއްވެސް ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމްބައްޕޭ ވިއްކާލުމަށް ޕީއެސްޖީގެ ވެރިޔާ ގަތަރުގެ ނަސީރު އަލް ޚެލައިފީ ބޭނުންފުޅުވީ ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން އެމްބައްޕޭ ދެކޮޅު ހެދުމުންނެވެ. ޕީއެސްޖީއާއެކު އެމްބައްޕޭ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ. އެއަށްފަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ބޭނުން ކްލަބަކަށް ބަދަލު ވެވޭނެއެވެ.

ޕީއެސްޖީން ބުނެފައި ވަނީ ކްލަބަށްވުރެ އެއްވެސް ކުޅުންތެރިޔަކު ބޮޑު ނުވާނެ ކަމަށެވެ. އެމްބައްޕޭ މިވަގުތު ހުރީ، އާސީޒަނަށް ޕީއެސްޖީއިން ކުރަމުން އަންނަ ފަރިތަކުރުންތަކުންވެސް އެއްފަރާތް ކޮށްފައެވެ.

އަލް ހިލާލުން އެމްބައްޕޭއަށް ދުނިޔޭގެ ރެކޯޑް އަގެއް ހުށަހެޅިނަމަވެސް، އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މީގެ ކުރިން 3 ފަހަރެއްގެ މަތިން އެމްބައްޕޭ އެކްލަބަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ.