މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑަސީ ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތަކުގައި އެމަނިކުފާނު ސޮއި ކުރައްވައިފި އެވެ.

ދާދި ދެންމެއަކު ޕީޕީއެމުން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތަކުގައި އެމަނިކުފާނު ސޮއި ކުރައްވައިފިކަމަށެވެ. ސޮއިކުރައްވާފައިވާ ލިޔެކިޔުންތައް ކަރެކްޝަންސް މެދުވެރިކޮށް ޕީޕީއެމް އޮފީހަށް ލިބިފައިވާ ކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ޓިކެޓް ލިބިވަޑައިގެންފައިވަނިކޮށް އާރަށު ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑަރިންގއާއި ރިޝްވަތު މައްސަލައިގައި އެގާރައަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް ހުށަހެޅުމުގެ މަސައްކަތް ފަށްޓަވައި، ޕީޕީއެމްއިން ވަނީ ޔާމީންގެ މި ކެންޑިޑެސީ ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ސޮއި ލިބޭނެ ގޮތެއް ހަދައިދިނުމަށް އެދި ކަރެކްޝަނަލް ސާވިސަށް ސިޓީއެއް ފޮނުވާފައެވެ. މިކަމާ ގުޅޭގޮތުން ކަރެކްޝަނުން ވަނީ ޔާމީންގެ ކެންޑިޑެސީ ފައިލްކުރުމަށް ޕީޕީއެމުން އެދިފައިވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މީޑިޔާތަކަށް ހާމަކޮށްފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާން ނުހަނު ބޮޑަށް މިވަނީ ވަގުތު ކުޑަތަންވެފައެވެ. މިފެށޭ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެނަމަ، މި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

ކްރިމިނަލް ކޯޓުން ޔާމީނަށް ކޮށްފައިވާ އެގާރައަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލަ، ހައިކޯޓު ފަނޑިޔާރުންގެ ތެރެއިން އެއްފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެން ބެންޗު ހަމަނުވުމުން، ކުރިއަށްނުގޮސް ތާށިވަމުން އަންނާތީވެ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލަ އިއްޔެ ވަނީ ސުޕްރީމްކޯޓުން ބޭރުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.