ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފިއެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް އަދީބު ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުންތައް ދީފައިވާތީ މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ.

އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ހާމަކޮށްފައިވާ ގޮތުގައި އަދީބު ފަރުވާ ހޯދަމުން ދަނީ ފުރާނައަށް ނުރައްކާ ވާފަދަ ނާރުގެ ބައްޔަކަށް ކަމަށެވެ.

ބައްޔަށް ފަރުވާ ހޯދުމަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަދީބަށް ބޭސް ފަރުވާއަށް ދިން މުއްދަތު މިހާރު ހަމަވެފައިވާއިރު، އެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އަދީބުގެ އެ ހުށަހެޅުމާ ގުޅޭ ގޮތުން ކަރެކްޝަނުން ހާމަކޮށްފައިވަނީ ބަންދުގެ މުއްދަތު ރިވިއުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.