ބ.ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ވަނީ ހޮސްޕިޓަލުގެ ބިންގާ އަޅައިފައެވެ. ހޮސްޕިޓަލުގެ ބިންގާ އަޅުއްވާދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިއީ ތުޅާދޫ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެމްޓީސީސީން މަޝްރޫއުތަކާ ހަވާލުވަނީ މުއްދަތާ އެއްގޮތަށް މަސައްކަތް ނިންމުމަށް އަޒުމު ހިފައިގެން ކަމަށާއި މިހާތަނަށް އެމްޓީސީސީން ހަވާލުވި މަޝްރޫއެއް ދީފައިވާ ތާރީހަށް ނިންމާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.އަދި ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަސް ތެރޭގައި ނިމޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުއެވެ. ޖުމުލަ 114.50 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީވެސް 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާބާދީގައި 1600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުޅާދޫގައި އިމާރަތް ކުރާ ހޮސްޕިޓަލަކީ ސާވިސް ބްލޮކްއަކާއި އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެެ.