އެއްބަނޑު އެއްބަފާ ދެބޭބެ އިންނާއެކު ދަތުރު ކުރަމުން ދަނިކޮށް ޖަމަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ސަބަބުން ހޭނާރާ 4 އަހަރު ކޯމާގައި އޮތުމަށްފަހު، ހޭ އަރައި ހަމަހޭވެރިކަން ވެރިވުމުން ފާރެސް އަބޫ ބާތިން ފުރަތަމަވެސް އެދުނީ ޤުރުޢާން ކިޔެވުމަށް އޭނާއަށް މުސްޙަފެއް ދިނުމަށެވެ.
ސައުދީ އަރަބިއްޔާގެ ފާރިސް އޭނާގެ 2 ބޭބެއިންނާއެކު ދަތުރު ކުރަމުން ދަނިކޮށް އެކްސިޑެންޓްވި ހާދިސާ ހިނގީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިއެކްސިޑެންޓުގައި ފާރެސްގެ 2 ބޭބެ މަރުވީއެވެ. ފާރިސް ސަލާމަތް ކުރެވޭނެ ކަމަށް ޑޮކްޓަރުން ދިނީ އެންމެ %9 ޗާންސެކެވެ.
ހަތަރު އަހަރު ކޯމާގައި އޮތުމަށްފަހު، ހޭ އެރުމުން ފާރެސް މީޑިޔާއަށް ދިން ފުރަތަމަ ބަސްދީގަތުން ދިނީ އަލް އަރަބިޔާ ޓީވީއަށެވެ.
އަލް އަރަބިއާ ޓީވީއަށް ދިން ބަސްދީީ ގަތުމުގައި ފާރެސް ބުނީ ޣައިބް ދެނެވޮޑިގެން ވަނީ ﷲ ސުބްހާނަހޫ ވަތަޢާލާ ކަމަށާއި އޭނާ ސަލާމަތްވެ އޭނާގެ ދެލޮލުން އަލުން ދުނިޔެ ފެނުމަކީ އާދަޔާޚިލާފް ކަމެއް ކަމަށެވެ.
"ﷲ އަށް ޙަމްދު ކުރަން، ﷲ އަށް ޙަމްދު ކުރަން. އަހަންނަށް ކޯމާއިން ތެދެވުނު ކަމުގެ އިހްސާސް ކުރެވުމާއެކު ބުނެވުނީ މުސްޙަފެއް ދިނުމަށް" ހޭއެރި ވަގުތު ކޮޅުގެ ހަނދާންތައް އާކުރަމުން ފާރެސް ބުންޏެވެ.
ކޯމާގައި 4 އަހަރު އޮތުމަށްފަހު، ހޭއަރައި ދުނިޔެއަށް ނަޒަރު ހިންގާލެވުނުއިރު ފާރެސްއަށް ވަނީ ވަރަށް ބޮޑު 4 ކަމަކުން ހައިރާންކަން ލިބިފައެވެ. އެއީ އެކްސިޑެންޓުގައި 2 ބޭބެއިން މަރުވި ޚަބަރާއި ކޮވިޑް-19 ގެ ވަބާ އާއި ސައުދީއިން ހޯދާފައިވާ ޒަމާނީ ތަރައްގީ އަދި އޭނާގެ އަންހެނުން ވަޒީފާ އަދާކޮށް އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް އާމްދަނީ ހޯދަމުން ދިޔުމެވެ.
މީގެ ތެރެއިންވެސް އޭނާ އެންމެ ބޮޑަށް ހައިރާންވީ ކޮވިޑް ވަބާގައި މުޅި ދުނިޔެ ހުއްޓުނު ހާދިސާއަށެވެ.
"ކޮވިޑް-19 ނުވަތަ ކޮރޯނާ ޕެންޑެމިކް ކިޔާ އެއްޗެއް މީހުން ކިޔައިދިން. އެކަމަކު އެކަން އަހަންނަކަށް ނުވިސްނު. އަހަރެން ބެލީ ޔޫޓިއުބުން އޭގެ ވީޑިއޯތައް" އަރަބިޔާ ޓީވީއަށް ދިން ބަސްދީގަތުމުގައި އޭނާ ބުންޏެވެ.
މީގެ އިތުރުން ސައުދީގެ 2 އެސްޓްރްނޯޓަކު (އަލީ އަލްޤާނީ އަދި ރަޔާނާ ބާނަވީ) މިއަހަރު ކުރީކޮޅު ޖައްވީ ސްޓޭޝަނަށް ދިޔުންވެސްވީ ފާރެސްއަށް ޤަބޫލް ކުރަން ދުނދަގޫވި ހައިރާންކަން ގެނުވި ކަމަށެވެ.