ޕާކިސްތާނުގެ ކުރީ ބޮޑުވަޒީރު އިމްރާން ޚާން މިއަދު ހައްޔަރު ކޮށްގެން އިލެކްޝަން ކޮމިޝަނަށް ހާޒިރު ކުރުމަށް އެކޮމިޝަނުން އިސްލާމް އާބާދުގެ ފުލުހުންނަށް އަމުރެއް ނެރެފިއެވެ.
އިސްލާމް އާބާދުގެ ފުލުހުންގެ މައްޗަށް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން އިމްރާން ޚާން ހައްޔަރު ކުރުމަށް އަމުރު ނެރެފައި މިވަނީ، އެކޮމިޝަނުން އިމްރާން ޚާންއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑު އެހުމަށް އިމްރާން ޚާން ހާޒިރުވެވަޑައި ނުގަންނަވާތީއެވެ.
ޕާކިސްތާން ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނަ އިމްރާން ޚާނާ ދެކޮޅަށް ކޯޓުތަކުގައި 120 މައްސަލައެއް ދަނީ ބަލަމުންނެވެ. މީގެ ތެރޭގައި ކޮރަޕްޝަނާއި މީހުން މެރުންފަދަ މައްސަލަތައްވެސް ހިމެނެއެވެ.
ހުޅަނގުގެ ސިޔާސަތުތަކާ ދެކޮޅު އިމްރާން ޚާން ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުން ދުރުކުރީ އެގައުމުގެ ނުފޫޒުގަދަ ގިނަ މުއައްސަސާތަކުގެ ވެރިން ނުފޫޒުން މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އެއަށްފަހު އިމްރާން ޚާން ހައްރު ކުރަން އުޅޭ ކޮންމެ ފަހަރެއްގައި ދިފާއީ ބާރުތަކާއި އަމިނިކުފާނުގެ ސަޕޯޓަރުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައެވެ.