ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޓްރެފިކް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ދަންވަރު 1:00 ހާއިރު ފުލުހުން ހުޅުމާލެ ފޭސްދޭއް ގައި ޗެކް ޕޮއިންޓު ޖަހައިގެން ތިއްބާ އެތަނުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރަން ބުނުމުން މަޑު ނުކޮށް ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން މަޑުކުރަން ބުނުމުން ފުލުހުންނާ ދިމާލަށް ހަޑި ހުތުރު ބަހުން އެއްޗެތި ގޮވަމުން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.

ރޭ ދަންވަރު 1:15 ހާއިރު ހުޅުމާލެ ފޭސްދޭކުން އާމިރު ހައްޔަރު ކުރީ ފޭސް ދޭއް ގެ ސްޓެލްކޯ ފްލެޓްތައް ކައިރީ ތިބި ޓްރެފިކް ފުލުހުން މަޑުކުރަން ބުނުމުންވެސް މަޑުނުކޮށް ދިއުމުންނެވެ. އާމިރު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލާފައި ވާއިރު އެނާ ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުންކަމަށްވިޔަސް ސޯޝަލްމީޑިޔާގައި އާންމުވެފައިވާ ވީޑިޔޯއެއްގެ ސަބަބުން ފުލުހުން އާމިރަށް އަނިޔާކުރިކަމަށް ދަނީ އަޑުފެތުރެމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ މިމައްސަލަ މަޖިލީހަށް ހުށަހަޅާނެކަމަށް ބުނަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިޔޯއިން ފެންނަނީ ފުލުހުން އޭނާގެ ފަހަތުން ގޮސް މަޑު ކުރުވާ ހައްޔަރު ކުރަން އުޅުމުން "އަނިޔާ ނުކުރަށޭ" އަނިޔާ ނުކުރާށޭ" ގޮވާ އަޑު އިވޭއިރު، ފުލުސްމީހާ "މައިތިރިވެގެން ހުރޭ،" މިހެން ބުނާ އަޑުވެސް އިވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ސައިކަލު މަތީގައި އެ ވަގުތު އިންނެވި އާމިރު ހައްޔަރުކުރުމަށް ޓްރެފިކް ދެ ފުލުހަކު މަސައްކަތް ކުރެއެވެ. ސައިކަލު މަތީގައި އާމިރު އިންނަވަނިކޮށް، އޭނާ ގަދަހަދަން ފެއްޓެވުމުން އަތް ފުރަގަހަށް ގެންގޮސްގެން ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.