މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ ޢަލީއާ ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއިއެކު އޮންނަ އޮތުން ފާހަގަކުރައްވަވާ އަދި ފަލަސްޠީނުގެ ހައްޤު ހޯދުމަށް އެ ޤައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ޤައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި ކަމަށެވެ.

އަދި ރާއްޖެއަކީ އަަބަދުވެސް ފަލަސްޠީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ޤައުމެއްކަން ފާހަގަކުރައްވައި ޚާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްޠީނަށް ކުރާ ތަޢީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސަފީރުވިދާޅުވިއެވެ. އަދި މިއަދު އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ޤައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށްވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްޠީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައިކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖެއިން ތަޢީދުކުރާނީ ފަލަސްޠީނަށްކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖެއާއި ފަލަސްޠީނާއިދެެމެދު ވެވޭ އެއްބަސްވުމާއިއެކު މިގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން އެހީތެރިކަން ދެ ޤައުމަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަމުގައި އެހީތެރިކަން ދެވިދާނެ ދާއިރާތަކާގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.