ވުލްވޮސްއަށް ކުޅެމުންދިޔަ މެކްސިކޯގެ ތަޖުރިބާކާރު ފޯވާޑް ރައުލް ޖިމިނޭޒް ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން ފުލަމްއަށް އިއްޔެ ބަދަލުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އާސީޒަން އަންނަ އޮގަސްޓް މަހު ފެށޭއިރު، ކްލަބު ވަރުގަދަ ކުރަން ފުލަމްއިން ޖިމެނޭޒް،32، ގެނައީ 5.5 މިލިޔަން ޓްރާންސްފާ ފީއަކަށެވެ. މިއެއްބަސްވުމުގެ ދަށުން އިތުރު އެއްހަރު ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޖިމެނޭޒަށް ލިބިދެއެވެ.

ވުލްވޮސްއަށް ޖިމެނޭޒް ފުރަތަމަ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން 2018 ވަނަ އަހަރު ބެންފީކާގައި ހުރުމަށްފައެވެ. އޭގެފަހުން 2019 ވަނަ އަހަރު ވުލްވޮސްއިން އެކްލަބުގެ ރެކޯޑް ފީއެއް ކަމުގައިވާ 30 މިލިޔަން ޕައުންޑް ވުލްވޮސްއިން ދާއިމީ އެއްބަސްވުމެއްގެ ދަށުން ޖިމިނޭޒް ގަތީއެވެ.

ވުލްވޮސްގައި ހޭދަކުރި 5 ސީޒަނުގައި އެކްލަބަަށް 166 މެޗް ކުޅެދީ 57 ލަނޑު ޖިމިނޭޒް ވަނީ ކާމިޔާބު ކޮށްދީފައެވެ.

ފުލަމްއިން ޖިމިނޭޒް އެކްލަބަށް ގެނެސްފައި މިވަނީ، އެކްލަބުގެ މުހިއްމު ފޯވާޑް ސާބިއާގެ އެލެގްޒެންޑާ މިޓްރޮވިކް ސައުދީގެ އަލް ހިލާލްއަށް ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނާތީ އޭނާ ނެތްތަން ފޫބެއްދުމަށެވެ.

ފުލަމްއަށް ބަދަލުވުމަށްފަހު ދިން ފުރަތަމަ އިންޓަވިއުގައި ޖިމިނޭޒް ބުނީ ފުލަމް ކަހަލަ ޕްރިމިއަރ ލީގުގެ ފާހަގަ ކޮށްލެވޭ ތާރިހެއް އޮތް ކްލަބަކަށް ބަދަލު ވެވުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށެވެ. އަދި ފުލަމްއަށް ގިނަ ލަނޑުތަކެއް ޕްރިމިއަރ ލީގުގައި ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.