ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން ދެލަނޑާއެކު 4-0 އިން އެޓްލާންޓާ ޔުނައިޓެޑް ބަލިކޮށް ލީގްސް ކަޕުގެ ދެވަނަ ބުރުން މިއަދު ހެނދުނު އިންޓަ މަޔާމީ ޖާގަ ހޯދައިފިއެވެ.

މެސީ ފުރަތަމަ ލަނޑު ޖެހީ 8 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ޖެހީ 22 ވަނަ މިނެޓުގައެވެ. މިލަނޑު ޖެހުމަށްފަހު މިލަނޑަކީ މަޔާމީގެ އެއްހިއްސާދާރު މަޝްހޫރު ޑޭވިޑް ބެކަމްއަށް ހާއްސަ ކުރި ލަނޑެއްކަން މެސީ ހަރަކާތްތަކުން ދައްކާލިއެވެ.

މަޔާމީގެ އަނެއް ދެލަނޑު މިމެޗުގައި ކާމިޔާބު ކޮށްދިނީ ފިންލެންޑް ގައުމީ ޓީމުގެ ފޯވާޑް ރޮބާޓް ޓޭލާއެވެ. ޓޭލާގެ އެއްލަނޑަކީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ލީގްސް ކަޕް ކުރިއަށް ގެންދަނީ ގްރޫޕް ތަކަކަށް ބަހާލައިގެން، ކޮންމެ ގްރޫޕެއްގައި 3 ޓީމު ހިމަނައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ދެވަނަ ބުރުން ޖާގަ ލިބޭ ގޮތަށެވެ. މިގޮތުން ލީގްސް ކަޕް ގްރޫޕް ސްޓޭޖުގައި މަޔާމީއާ އެއްގްރޫޕެއްގައި (ގްރޫޕް ޖޭ) ހިމެނުނީ އެޓްލާންޓާ ޔުނައިޓެޑުގެ އިތުރުން ކްރުޒް އަޒުލްއެވެ. ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ކްރުޒް އަތުން 2-1 އިން މަޔާމީ މޮޅުވީވެސް މެޗް ނިމެން ދަނިކޮށް އިތުރު ވަގުތުގައި މެސީ ކާމިޔާބު ކުރި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.

ލީގްސް ކަޕް ދެވަނަ ބުރުގައި މަޔާމީ ވާދަކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މިމަހުގެ 31 ވަނަ ދުވަހު ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުންނެވެ.

ލީގްސް ކަޕަކީ އެމެރިކާގެ މޭޖަރ ލީގް ސޮކައިގައި ވާދަކުރާ ހުރިހާ ޓީމަކާ މެކްސިކޯގެ ފުރަތަމަ ޑިވިޜަނުގައި ވާދަކުރާ ހުރިހާ ޓީމެއްގެ މެދުގައި މީގެ ދެއަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ލީގްސް ކަޕުގައި މިފަހަރު 47 ޓީމު ވާދަ ކުރެއެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް އޮގަސްޓް 19 ވަނަ ދުވަހުއެވެ. ޗެމްޕިއަންކަން ހޯދާ ޓީމަށް 2024 ވަނަ އަހަރުގެ ނޯތު އެމެރިކާ ޗެމްޕިއަންސް ކްލަބް ކަޕުގެ ކުއާޓާފައިނަލުން އޮޓަމެޓިކް ޖާގައެއް ކަށަވަރު ވާނެއެވެ.