އިންޑިޔާގެ މަނިޕޫރުގައި މިއަހަރުގެ މެއި މަހު ހިނގި ނަސްލީ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ދެކޮޅަށް ނެގުމަށް މަސައްކަތް ކުރާ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމުގެ ކަންކަން ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށް ދަށު ގެކޮޅުގެ ރައީސް އޯމް ބިރްލާ މިއަދު ވިދާޅުވެއްޖެއެވެ.

މަނިޕޫރުގައި ހަމަ ނުޖެހުން ހިނގީ މެއިޓީ ދަރިކޮޅާއި ކުކީ ދަރިކޮޅާ ދެމެދުގައެވެ. މިހަމަ ނިޖެހުންތަކުގައި 142 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. އަދި 54،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.

މިދިޔަ ހަފްތާގައިވެސް މެއިޓީ ދަރިކޮޅު ބަޔަކު ވަނީ ކުކީ ދަރިކޮޅުގެ ފުރާވަރު އަންހެން ކުއްޖަކާއި އަންހެނަކު ބަރަހަނާ ހާލުގައި މަގުމަަތީ ހިންގުވައި ރޭޕްކޮށްފައެވެ. ހަމަނުޖެހުން ހިންގި މީހުންގެ ކިބައިން ފުރާވަރު އަންހެން ކުއްޖާ ސަލާމަތް ކުރަން އުޅުމުން ހަމަނުޖެހުން ހިންގި މީހުން ވަނީ އެކުއްޖާގެ ބޭބެ އާއި ބައްޕަ މަރާލާފައެވެ. ސޯޝިއަލް މީޑިޔާގައި މިހާދިސާގެ ވީޑިއޯތައް އާންމުވުމުން، ވެރިކަން ކުރާ ބީޖޭޕީ އަށާއި ބޮޑުވަޒީރު މޯދީއަށް ރައްޔިތުންގެ ފާޑު ކިޔުން ދަނީ ވަރަށް ބޮޑަށް އަމާޒު ވަމުންނެވެ.

މޯދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަތުމަށްފަހު ދަށު ގެކޮޅުގެ ރައީސް ބިރްލާ ވިދާޅުވީ، ބަހުސް ބާއްވާނެ ތާރިޚާއި އިތުބާރު ނެތް ކަމުގެ ވޯޓް ލުން ކުރިއަށް ގެންދާނެ ދުވަސް ކައިރި މުސްތަގުބަލެއްގައި އިއުލާން ކުރައްވާނެ ކަމަށެވެ.

މޯދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދަށުގެކޮޅަށް ވެއްދީ ކުދި ޕާޓީތަކުގެ ތާއީދާއެކު ކޮންގްރެސް ޕާޓީއިންނެވެ. އެޕާޓީގެ ލީޑަރު ޝާޝީ ތަރޫރް ރޮއިޓާސްއަށް ވިދާޅުވީ މަނިޕޫރުގައި އަނިޔާވެރިކަމާއި ޖިންސީ ގޯނާ އާއި ގޯތި ގެދޮރުން މީހުން ނެރުންފަދަ ލާއިންސާނީ އަމަލުތައް ހިނގަމުން އަންނަކަން އެންމެން ދަންނަ ކަމަށެވެ. "މަނިޕޫރާ ގުޅޭ ސުވާލުތަކަށް ބީޖޭޕީ އާއި ބޮޑުވަޒީރު މޯދީ ޖަވާބުދާރީ ވެޑައިގަންނަވަން ވަގުތު ހޯއްދަވަން ޖެހޭނެ. މަނިޕޫރުގައި ހިނގައި ދިޔަ ހަމަނުޖެހުންތައް މައިގަނޑު އެޖެންޑާއަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް" ތަރޫރް ވިދާޅުވިއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ މޯދީއާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ވެއްދިނަމަވެސް، މިވޯޓުން މޯދީ އާއި އަމަނިކުފާނުގެ ސަރުކާރު ސަލާމަތް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެއީ ޕާލަމެންޓުގެ 542 ގޮނޑީގެ ތެރެއިން 301 ގޮނޑި ނިސްބަތް ވަނީ ބީޖޭޕީއަށް ކަމުގައިވާތީއެވެ.