ބ. އޭދަފުށީގެ މަގުތައް ރަނގަޅުކުރުމުގެ މަސައްކަތައް ދެމަސް ތެރޭގައި ނިންމައި، އާ ބަނދަރު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްްވުމަށް ކުރެއްވި ދަތުރުގައި އޭދަފުއްޓަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން އެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވީ ނަމަވެސް މަގު ހެދުމުގައި އެމްއާރުޑީސީން ބޮޑެތި ގޯސްތަކެއް ހަދާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ މަގުތަކުގެ ރެކްޓިފިކޭޝަން މަސައްކަތް ކުރާއިރު ސަރުކާރާ މަޝްވަރާކުރުމަށްފަހު އެމްއާރުޑީސީން އިހުމާލުވެފައިވާ ކަންތައްތައްވެސް ހައްލުކުރާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ރަނގަޅު ޓީމެއް އެ ރަށަށް ގެންގޮސް ކުރިއަށް އޮތް ދެ މަސްތެރޭ އޭދަފުށީ މަގުތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ޓާގެޓުކޮށްފައިވާ ކަމަށެވެ.

އާޒިމް ވަނީ އޭދަފުށީއަށް ކުރެއްވި ދަތުރުގައި އެރަށު ކައުންސިލުން އާ ބަނދަރު ހަދަން ބޭނުންވާ ސަރަހައްދު ބަލައި،ކުރަން ޖެހޭ މަސައްކަތް ފެށުމަށް ކައުންސިލާ މަޝްވަރާކޮށްފައެވެ.

އާޒިމް ވިދާޅުވީ އާ ބަނދަރަކީ މިހާރު އޮތް ބަނދަރާއި ވަކިން ހަދަންޖެހޭ ބަނދަރަކަށްވާތީ އީއައިއޭ މަރުހަލާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން އެ ބަނދަރުގެ ކޮންސެޕްޓް ފައިނަލްކޮށް މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.