އޮސްޓްރޭލިޔާ އާއި ނިއުޒީލެންޑުގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕް ދެވަނަ ބުރުން ސްޕެއިން މިއަދު ޖާގަ ހޯދިއިރު، ކެނަޑާ އަތުން 2-1 އިން ބަލިވެ އަޔަރލޭންޑް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

ގްރޫޕް "ސީ" ގައި ހިމެނޭ ސްޕެއިން ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ޒެމްބިއާ އަތުން 5-0 އިން މޮޅުވެގެންނެވެ. ސްޕެއިނުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ހާމޯސޯ އާއި ރެޑެންޑޯ އަދި އަބެއްލެއިރާއެވެ. މީގެ ތެރެއިން ހާމޯސޯ އާއި ރެޑެންޑޯ ކޮންމެ ކުޅުންތެރިޔަކު ވަނީ 2 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޒެމްބިއާ އަތުން ސްޕެއިން މޮޅުވުމުން، މިގްރޫޕުގައި ހިމެނޭ ޖަޕާނަށްވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީން ވެފައެވެ. ސްޕެއިނާއި ޖަޕާނަށްވެސް ލިބިފައި ވަނީ 6 ޕޮއިންޓެވެ. ޒެމްބިއާއި ކޮސްޓަރީކާއަށް ޕޮއިންޓެއް ނުލިބެއެވެ.

ގްރޫޕް "ބީ" ގައި ހިމެނޭ އަޔަރލޭންޑް ގްރޫޕް ސްޓޭޖުން ކެޓީ މިއަދު ކެނަޑާއާ ދެކޮޅަށް ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓުގައި މެކް ކެބީގެ ލަނޑުން އެގައުމުން ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި ކެނަޑާ ދެލަނޑު ޖަހައިގެން މޮޅުވުމުންނެވެ. ކެނަޑާއިން އެއްވަރު ކުރީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ކެނޯލީގެ ލަނޑުންނެވެ. އަޔަރލޭންޑުން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ލިއޯން ކާމިޔާބު ކުރި ލަނޑުންނެވެ.

މިމެޗުން މޮޅުވުމުން މިގްރޫޕުގެ ކުރީގައި ކެނަޑާ އޮތީ 4 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮސްޓްރޭލިޔާ އޮތީ 3 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 1 ޕޮއިންޓާއެކު އޮތީ ނައިޖީރިއާއެވެ. އަޔަރލޭންޑް މުބާރާތުން ކެޓީ ޕޮއިންޓެއް ނުލިބިއެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ކެނަޑާ ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. ނައިޖީރިތާ ނިކުންނާނީ އަޔަރލޭންޑާ ދެކޮޅަށެވެ.