ފީފާ ވިމެންސް ވަރލްޑް ކަޕުގައި ރާއްޖޭ ގަޑިން މިއަދު ހެނދުނު އެމެރިކާ އާއި ނެދަލޭންޑްސް ބައްދަލު ކުރި މެޗް 1-1 އިން އެއްވަރުވެ، ދެވަނަ ބުރާ ކައިރިއަށް މިދެގައުމު ޖެހިލައިފިއެވެ.

އެމެރިކާ ސިއްސުވާލުވަމަށްފަހު ނެދަލޭންޑްސްއިން ލީޑް ނެގީ ޖިލް ރޫޑުގެ ލަނޑުން 17 ވަނަ މިނެޓުގައެވެ. ކުރިން ހީކުރި ގޮތާއި ހިލާފަށް އެމެރިކާއަށްވުރެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ ނެދަލޭންޑްސްއިންނެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބި އެމެރިކާއިން ނަތީޖާ ހަމަހަމަ ކުރީ 62 ވަނަ މިނެޓުގައި ލިންޑްސޭ ހޯރާންއެވެ.

މިމެޗް އެއްވަރުވުމުން ނެދަލޭންޑްސް އާއި އެމެރިކާއަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. މިގްރޫޕް (ގްރޫޕް އީ) ގައި ދެން ހިމެނޭ ޕޯޗުގަލް އާއި ވިއެޓްނާމަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ރާއްޖޭ ގަޑިން މިއަދު 12:30 ގައި ޕޯޗުގަލް އާއި ވިއެޓްނާމް ބައްދަލު ކުރާ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ. އަދި މޮޅުވާ ޓީމަކަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ.