އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ބަޑިން ހަމަލާދީ ފަލަސްތީނުގެ 14 އަހަރުގެ ފުރާވަރު ކުއްޖަކު ރޭ ޝަހީދު ކޮށްލައިފިއެވެ.

ރޮއިޓަރސްއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ފާރިސް އަބޫ ސަމްރާ، އިޒްރޭލުން ޝަހީދު ކޮށްލީ ހުޅަނގު އައްސޭރީގެ ގައްގީލިއާގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއަށް އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ކަމަށެވެ. އިޒްރޭލުން ދިން ހަމަލާ އަމާޒުވެފައި ވަނީ ސަމްރާގެ ބޮލަށް ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ގައްގީލިޔާ ސަރަހައްދަކީ އ.ދ ގެ އުސޫލުތަކާ ޚިލާފަށް އިޒްރޭލުން ބޮޑު ފާރުރާނައި މިސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެކަހެރި ކޮށްލާފައިވާ ސަރަހައްދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގަމުން އަންނަ ޢުދުވާންތަކުގައި މިއަހަރުގެ ޖެނުއަރީ-މެއި މަހާ ދެމެދު 129 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މެއިމަހުން ފެށިގެން މިހިނގާދިޔަ 2 މަސް ދުވަހުގެ ތެރޭގައިވެސް އިޒްރޭލުން ވަނީ ހަޅުނގު އައްސޭރި އާއި ނާބުލްސް އަދި ޖެނިންގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކޮށްފައެވެ.