ނައިޖާ އަސްކަރިއްޔާއިން އެގައުމުގައި ބަޣާވާތްކޮށް، ރައީސް މުހައްމަދު ބަޒޫމް މަގާމުން ރޭ އެއްފަރާތް ކޮށްފިއެވެ.

ބަޣާވާތްކޮށް ވެރިކަން ފޮރުޅާލިކަން ނައިޖާ ސިފައިން އިއުލާން ކުރީ ގައުމީ ޓީވީ މެދުވެރިކޮށް ނެރެނު ބަޔާނެއްގައެވެ. މިބަޔާނުގައި އަސްކަރިއްޔާއިން ވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައިވާ ކަމަށާއި މުޅި ގައުމުގައި ފުރަބަންދު ކޮށްފައިވާކަންވެސް އިއުލާންކޮށްފައެވެ.

ރައީސް މުހައްމަދު ބަޒޫމް އާއި އާއިލާ ރަހީނުކޮށް ރިޔާސީ ގަނޑުވަރުގައި ހިފެހެއްޓީ އިއްޔެގެ ވަގުތެއްގައި ޕްރެޒިޑެންޝަލް ގާޑަށް ނިސްބަތްވާ އަސްކަރީ އޮފިސަރުންނެވެ. މީގެ އިތުރުން އިންޓީރިއާ މިނިސްޓަރުވެސް އަސްކަރިއްޔާއިން ވަނީ ރަހީނު ކޮށްފައެވެ.

ބަޣާވާތާއި ގުޅިގެން އެމެރިކާއިން ނެރެނު ބަޔާނެއްގައި ބުނީ ރައީސް ބަޒޫމް ވަގުތުން ދޫކޮށްލުމަށް ގޮވާލައިފައެވެ. އަދި ނައިޖާގެ މަޝްރަހް ކައިރިން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.