މަސްތުވާތަކެތީގެ މައްސަލައެއްގައި 45 އަހަރުގެ އަންހެނަކަށް މަރުގެ އަދަބު ތަންފީޒު ކުރަން ސިންގަޕޫރުން ތައްޔާރުވެއްޖެއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މަރުގެ އަދަބު ދިނުމަށް ނިންމާފައި ވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމުގައިވާ ސްރީދޭވީ ޑަޖްމާނީ ނަމަކަށް ކިޔާ މީހަކަމަށެވެ. ސްރީދޭވީގެ މައްޗައް ސާބިތުވީ 2018 ވަނަ އަހަރު 30 ގްރާމް ހެރޮއިން އަތުގައި ބެހެއްޓި މައްސަލައެވެ.

ސްރީދޭވީ ވެގެންދާނީ، މިދިޔަ 20 އަހަރު ތެރޭގައި މަސްތުވާތަކެތީގެ މައްސަލާގައި މަރުގެ އަދަބު ސިންގަރޕޫރުގައި ދޭ ފުރަތަމަ އަންހެނާއަށެވެ.

ސިންގަޕޫރަކީ މަސްތުވާތަކެތީގެ މައްސަލާގައި ޤާނޫނުތަކުން ދުނިޔޭގައި އެންމެ ހަރުކަށި އަދަބު ދޭ އެއްގައުމެވެ. ސިންގަޕޫރުން ބުނަނީ މުޖްތަމައުގެ އަމާން ކަމަށާއި ރައްކާތެރި ކަމަށްޓަކައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ އަމާން ގައުމުތަކުގެ ލިސްޓުގެ ކުރީގައި ސިންގަޕޫރު ބޭއްވޭނީ މަސްތުވާތަކެއްޗަށް ހަރުކަށި އަދަބު ތަންފީޒުކޮށްގެން ކަމަށެވެ.

ސިންގަޕޫރުގެ ގާނޫނުގެ ބުނާ ގޮތުން މަރުގެ އަދަބު ދެވޭނީ 15ގ އަށް ވުރެ ގިނަ ހެރޮއިން އާއި 500ގ އަށް ވުރެ ގިނަ ރާ ޓްރެފިކް ކުރުމުންނެވެ.

ސިންގަޕޫރުން ވަނީ މިއަހަރުގެ އޭޕްރީލް މަހު އެގައުމުގެ ރައްޔިތެއް ކަމަށްވާ ޓަންގަރާޖޫ ސުއްޕިއާ ނަމަކަށް ކިޔާ މީހަކަށްވެސް މަސްތުވާތަކެތީގެ މައްސަލައިގައި މަރުގެ އަދަބު ތަންފީޒު ކޮށްފައެވެ. އޭނާގެ ކުށަކަށްވީ، 1 ކިލޯ (35އޮޒް) ރާ ޓްރެފިކް ކުރުމެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ވަނީ މޯބައިލް ފޯނު މެދުވެރިކޮށް ރާ ވިއްކުން ކޯޑިނޭޓްކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ބިލިއަނަރު ސަރ ރިޗާޑް ބްރެންސަން އާއި އެމްނެސްޓީ އިންޓަނޭޝަންލްއިން ވަނީ ސްރީދޭވީގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރަން އުޅޭތީ ސިންގަޕޫރުގެ މަރުގެ އަދަބުތަކަށް ފާޑުކިޔާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ފާހަގަކުރި ގޮތުގައި ޗައިނާ، އީރާން އަދި ސައުދީ އަރަބިއްޔާއާ އެކު ސިންގަޕޫރަކީ މިފަހުން މަސްތުވާތަކެއްޗާ ގުޅިގެން މަރުގެ އަދަބު ތަންފީޒު ކުރާ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމު ކަމަށް ބުނެފައެވެ.