ބޭރަށް ހިންގުމާއި ހޮޑުލުމަށް ފަރުވާދޭން ބޭނުންކުރާ ބޭސް އެބަހުރި ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓިއޯ) އިން ބުނެފިއެވެ.
މާލެތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެމުންދާތާ ހަފުތާދެހަފުތާއެއްހައި ދުވަސްވެފައިވާއިރު ރޭއްސުރެ މިރޯގާގެ ކޭސްތައް ވަނީ ގިނަވެފައެވެ. އަދި މިވަގުތު މިފަދަ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހާއި އޯއާރްއެސް(ލޮނުޕެކެޓް) ހުސްވެފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލްމީޑިޔާގައި ފެތުރެމުންމިދާ ވާހަކަތަކުގެ ސަބަބުން އާންމުންގެ ހާސްވުން އިތުރަށް ބޮޑުވެފައިވަނިކޮށް އެސްޓީއޯއިން މިވަނީ މިއީ އެއްވެސް ހާލެއްގައި ތެދުވާހަކައެއް ނޫންކަން ހާމަކޮށްފައެވެ.
ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯގެ މީޑިއާއިން ބުނީ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް އަދި ލޮނު ޕެކެޓު ހުސްނުވާ ކަމަށާއި ބޭސް ލިބުމުގައި ވެސް އެއްވެސް ދަތިކަމެއް މިވަގުތު ނެތް ކަމަށެވެ.
އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސްގަނަގާ މިންވަރު އިތުރުވެފައިވާކަން އެ ކުންފުންޏަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. އެސްޓީއޯއިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލި އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ބެލިގެން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ ރާއްޖޭގައި މޫސުމީ ރޯގާތަށް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ އެ ކުންފުނިން ފޯރުކޮށްދެވެމުން ދާކަމަށެވެ. މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީ ނަމަވެސް އެ ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އާންމުންނަށް އަރުވާކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
މިހާރަކަށް އައިސް ހޮޑުލުމާއި ބޭރަށް ހިންގާ ރޯގާއެއް ބާރަށް ފެތުރެމުންދާކަމަށާއި ހޮސްޕިޓަލުތަކުގެ އިމަރޖެންސީރޫމް ފުރެމުންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަޑޮކްޓަރ ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި މި ރޯގާ ޖެހި ބޭރަށް ހިންގައި ހޮޑުލާ ނަމަ، ކަން ކުރާންވީ ގޮތުގެ މުހިންމު އިރުޝާދުތަކެއްވެސް ޑރ ފައިސަލް ވަނީ ދެއްވައިފައެވެ. އެ ގޮތުން އަތް ދޮވެގެން ނޫނީ ނުކެއުމާއި އަވަސް އަވަހަށް އަތް ދޮންނަން އާދަކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.