ށ.މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އިއްޔެގައި ފެށިއްޖެކަމަށް އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން އިއްޔެގައި ބުނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ކުންފުނިން ޗާޓަރުކޮށްފައިވާ ޑްރެޖާ "ފިލިޕޯ ބްރުނެލޭޝީ" އިން ކަމަށެވެ.

މީގެއިތުރުން މަތި ކޮމަންޑޫ ހިއްކުމަށް އެ ޑްރެޖާ މޮބިލައިޒްކޮށްފައިވަނީ ހއ. އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެެވެ.

މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން އަދި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މި މަސައްކަތަކީ މިދިޔަ އަހަރު ޖޫން މަހުގައި އެމްޓީސީސީއާ 249.90 މިލިއަން ރުފިޔާއަށް ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އެމްޓީސީސީން ވަނީ މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ދެ ކޮމަންޑޫ ގުޅުވައިލުމަށް ހަދަންޖެހޭ ސާވޭތައް ހަދައި ނިންމައިފައެވެ.