ޝްރީލަންކާގައި 26 އަހަރަށް ދެމިގެން ދިޔަ އަހުލީ ހަނގުރާމަ ނިމުނުތާ 15 އަހަރު ފުރުން ފާހަގަކޮށްފިއެވެ. އެ ޤައުމުގެ ތަމަޅަ އިންނާއި، ސަރުކާރާ ދެމެދު ހިނގި މިހަނގުރާމަ ކުރިއަށް ދިޔައީ 1983 އިން 2009 އަށެވެ. ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީ) އިސްވެ ތިބެ ތަމަޅައިންނަށް ވަކި ޤައުމެއް އުފެއްދުމުގެ ބޭނުމުގައި ކުރި މި ހަނގުރާމައިގައި 40 ހާހަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމުގައި ރަސްމީ ހިސާބުތަކުން ފެނެއެވެ.

އިންޑިއާ އިން ޝްރީލަންކާ އަށް ހިޖްރަކުރި ތަމަޅައިންނަށް މިނިވަންކަން ހޯދުމުގެ ޙަރަކާތް ފެށުނީ ތަމަޅައިންނަށް، އެ ޤައުމުގައި އިންސާނީ ޙައްޤުތަކުން މަޙްރޫމުކުރެވެމުން ދިއުމުން ކަމުގައި ތަމަޅަ އިން ބުނެމުން ގެންދިޔަ އެވެ. ބުނެވެނީ ޝްރީލަންކައި ތަމަޅައިންނަށް ވަޒީފާގެ ފުރުސަތާއި، އެހެނިހެން އަސަސީ ޚިދުމަތާއި، ފުރުސަތުތައް އެ ދުވަސްވަރު ސިންގަޅައިންނާއި، އެއް ހަމައެއްގައި ނުލިބޭ ކަމުގައެވެ. ތަމަޅައިންނާ މެދު ޢަމަލު ކުރެވެނީ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ކަމަށް އެބައި މީހުން ބުނެމުން ގެންދިޔައެވެ.

އިއްޔެ ބޭއްވި ހަނދާން އާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގައި ހަމަނުޖެހުން ހިނގާފައި ނުވި ނަމަވެސް ސިފައިން ރަސްމިއްޔާތު ބަލަހައްޓަމުން ގެންދިޔަ އެވެ. މީގެ ކުރިން މި ކަން ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެ މެއި 18 ގައި ބާއްވާ މި ފަދަ ރަސްމިއްޔާތަށް ޝްރީލަންކާ ސަރުކާރުން ހުރަސް އަޅާކަމުގައި އަލްޖަޒީރާ އިން ހާމަކޮށްފައި ވެއެވެ.