މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ، އެހައްގުތައް ލިބިގަތުމަށް ގޮވާލާ އިހުތިޖާޖުކޮށްފިއެވެ.

މި އިހުތިޖާޖުކޮށްފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު، އަލިމަސް ކާނިވާ ސަރަހައްދުގައެވެ.

މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ ހައްގުތައް ކޮބައިތޯ ސުވާލުކޮށް މޫނުބުރުގާ އަޅާ ފަރާތްތަކުން ތައުލީމު ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލަން މި އިހުތިޖާޖުގައި ވަނީ ގޮވާލާފައެވެ.

ޓީޗަރުންގެ އާ ސުލޫކީ މިންގަނޑުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާ ނުދެވޭ ގޮތަށް ހަމަޖައްސާފައި އޮތުމާ ގުޅިގެން އެއްވެ އިހުތިޖާޖުކޮށްފައިވާ އިރު ސޯޝަލްމީޑިޔާ ތެރޭގައިވެސް މިކަމާ ގުޅިގެން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޓީޗަރުންގެ އާ އުސޫލުގެ މިންގަނޑުގައިވާ ގޮތުން އުނގަންނާ ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ އިރު، އަދި ދަރިވަރުންނާ މުއާމަލާތް ކުރާ އިރު ހުންނަން ވާނ،ީ އެއީ ކާކުކަން އެނގޭ ގޮތަށެވެ. އަދި އެކީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުއާމަލާތު ކުރުމުގައި ވެސް ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

ރާއްޖޭގައި އަބަދުވެސް މޫނުބުރުގާ އެޅުމާ ބެހޭ ގޮތުން ދޭތެރެ ދޭތެރެއިން އެކިއެކި މައްސަލަ ފެންމަތިވެއެވެ. އާންމުކޮށް ތައުލީމީ ދާއިރާގައި މިއީ ވަރަށް ބޮޑަށް ޖެހޭ މައްސަލައެއްކަން ފާހަގަކުރެވެއެވެ.