އިޓަލީގެ އެޓްލާންޓާއަށް ކުޅެމުން އަންނަ ޑެންމާކުގެ އުއްމީދީ ފޯވާޑް ރަސްމުސް ހޮއިލޮންޑަށް 85 މިލިޔަން ޔޫރޯ (94 މިލިޔަން ޑޮލަރު) ހުށަހަޅަން މެންޗެސްޓަރ ޔުނައިޓެޑުން ތައްޔާރުވެއްޖެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި 85 މިލިޔަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ހޮއިލޮންޑް ވިއްކާލަން އެޓްލާންޓާ އޮތީ ތައްޔާރަށެވެ. އަދި އެޓްލާންޓާ އާއި ޔުނައިޓެޑާދެެމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މިކަމާއި ގުޅޭ ގޮތުން ޔުނައިޓެޑުންވެސް އަދި އެޓްލާންޓާއިންވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

"ދި ޑެއިލީ މެއިލް" އިން ބުނެފައި ވަނީ 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވުމަށް ހޮއިލޮންޑް އެއްބަސްވެފައިވާ ކަމަށެވެ.

ޑެންމާކް ސީނިއަރ ގައުމީ ޓީމަށް ކުޅެދިން 6 މެޗުގައި 6 ލަނޑު ކާމިޔާބު ކޮށްދީފައިވާ އުމުރުން އެންމެ 20 އަހަރުގެ ހޮއިލޮންޑަށް ޔުނައިޓެޑުގެ ސަމާލުލަން ލިބުނީ މިދިޔަ ސީޒަނުގައި އެޓްލާންޓާއަށް އަނިޔާގެ މައްސަލަތައް ދިމާވެ، ޓީމުގެ ފުރަތަމަ އެގާރާއިން ލިބުނު ފުރުސަތުތަކުގައި ކުޅެން ނިކުމެ އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ.