ބާސެލޯނާގެ ސަޕޯޓަރުންނަށް ފުރިހަމަ އަލްވަދާޢުއެއް ކިޔަން އެކްލަބުގެ ލެޖެންޑް ލިއޮނަލް މެސީ އެނބުރި ބާސެލޯނާގެ ކޭމްޕްނޯއަށް ދާނެ ކަމަށް އޭނާ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީގެ އެއް ހިއްސާދާރު ޖޯޖް މަސް ވިދާޅުވެއްޖެއެވެ.

"އޮފްސައިޑް ވިތު ޓޭލޯ ޓްވެލްމޭން ޕޮޑްކާސްޓް" އަށް ދެއްވި ބަސްދީގަތުމެއްގައި މަސް ވިދާޅުވީ ބާސެލޯނާގެ ސަޕޯޓަރުންނަށް ފުރިހަމަ އަލްވަދާޢުއެއް ކިޔަން މެސީ ކޭމްޕްނޯ (ބާސެލޯނާގެ ރަސްމީ ދަނޑު) އަށް ދާނީ ޚާއްސަ މެޗެއްގެ ތެރެއިން ކަމަށެވެ. "ލޯން އެއްބަސްވުމެއްގެ ދަށަކުން މެސީ އެނބުރި ބާސެލޯނާ ގުޅޭނެ ގޮތެއް އަހަރެމެންނަކަށް ނުފެނޭ. އެކަމަކު ބާސެލޯނާގެ ސަޕޯޓަރުންނަށް ފުރިހަމަ އަލްވަދާޢުއެއް ކިޔަން ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެއްގެ ތެރެއިން ނުވަތަ ގެމްޕާ ޓްރޮފީ މެޗުގެ ތެރެއިން މިކަން ހަމަޖެހިގެން ދިޔުމުގެ ފުރުސަތު އެބައޮތް. މިކަން ކުރުމަށް އަހަރެން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން" މަސް ވިދާޅުވިއެވެ.

މަސް ވިދާޅުވީ ބާސެލޯނާއިން މިވަގުތު ކޭމްޕްނޯ މަރާމާތު ކުރަމުން އަންނާތީ، ބާސެލޯނާގެ ސަޕޯޓަރުންނަށް އަލްވަދާޢު ކިޔުމަށް މެސީ ކޭމްޕްނޯއަށް ދިޔުން ދޮޅު އަހަރެއްހައި ދުވަހަށް ލަސްވެދާނެ ކަމަށެވެ. ބާސެލޯނާގެ ޕްލޭނާ އެއްގޮތަށް ކޭމްޕްނޯ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާނަމަ ކޭމްޕްނޯ މަރާމާތުކޮށް ނިމެން އަދި ދޮޅު އަހަރު ހޭދަވާނެއެވެ.

މީގެ 3 އަހަރެއްހައި ދުވަސް ކުރިން ބާސެލޯނާ ދޫކޮށް އެކްލަބުގެ ތާރިހު ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާ މެސީ ޕީއެސްޖީއަށް ދާންޖެހުނީ، ކްލަބުގެ މާލީ ހާލަތުގެ ސަބަބުން ކޮންޓްރެކްޓް އާނުކުރެވޭނެކަން ޔަގީން ވުމުންނެވެ. އޭރު ސަޕޯޓަރުންނަށް އަލްވަދާޢު ކިޔަން މެސީއަށް ފުރުސަތެއް ނުލިބުނެވެ.