މޮޅެތި ކުޅުންތެރިން ހޯދުމަށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސަތޭކަ އަށާވިސް މިލިޔަން ހޭދަކުރި ރެއާލް މެޑްރިޑް، ވާދަވެރި ބާސެލޯނާ ކައިރީގައި މޮޅުކަން ނުދެއްކި 3-0 ގެ ބޮޑު ތަފާތަކުން ރޭ ބަލިވެއްޖެއެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެމެރިކާގައި 82،026 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގައި ބާސެލޯނާއިން ލީޑް ނެގީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ވިންގަރ އުސްމާނޭ ޑެމްބެލޭގެ ލަނޑުންނެވެ. ބާސާއިން ލީޑް ފުޅާ ކުރީ އެންމެ ފަހު 5 މިިނެޓް ތެރޭ ފާމިން ލޮޕޭޒް މާޓިން އާއި ފެރަން ޓޮރޭޒް ކާމިޔާބު ކުރި ލަނޑުންނެވެ.
މިމެޗަށް ރެއާލްއިން ނިކުތީ، ތަޖުރިބާކާރު 2 މިޑްފީލްޑަރުން ކަމުގައިވާ ލޫކާ މޮޑްރިޗާއި ޓޯނީ ކްރޫސް ބެންޗުގައި ބައިންދައިގެންނެވެ. ބަދަލުގައި މެދުތެރެއަށް ނެރުނީ 103 މިލިޔަން ޔޫރޯއަށް މިފަހަރު އެކްލަބާ ގުޅުނު އިންގްލެންޑުގެ ޖޫޑް ބެލިންހަމް އާއި ފްރާންސްގެ ކަމަވިންގާ އާއި ޗޫމެނީއެވެ.
ބާސެލޯނާއިން އެޓީމުގެ މެދުތެރެ ބެލަހައްޓައި ޓީމު ލައްވައި ކުޅުވުމުގެ ޒިއްމާ ހަވާލު ކުރީ ހިލޭ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީދޫކޮށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެކްލަބާ ގުޅުނު ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އީކަރ ގުންޑޮގަން އަދި ފްރޭންކީ ޑި ޔޯންގާއެވެ.
މިމެޗުގައި ރެއާލްއިން ބާސެލޯނާގެ ގޯލަށް 29 ހަމަލާ ފޮނުވާލަން މަސައްކަތް ކުރިއެވެ. އެކަމަކު ގޯލަށް އަމާޒުވީ އެންމެ 5 ހަމަލާއެވެ. ބާސެލޯނާއިން އުފެއްދި 12 ހަމަލާގެ ތެރެއިން 7 ހަމަލާ ރެއާލް ގޯލުގެ ތިންދަނޑިއާ އަމާޒު ކުރިއެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑް ރޭ ބައްދަލު ކުރި އެލް-ކްލެސިކޯ މެޗަކީ އެމެރިކާގެ ފަސްގަނޑުގައި މިހާތަނަށް އެންމެ ގިނަބަޔަކު ކުޅިބަލަން ވަން ފުޓްބޯޅަ މެޗްކަން ފާހަގަ ކޮށްލެވެއެވެ.