މިނިވަން ދުވަހާއި ގުޅުވައިގެން އދ އަތޮޅު ކައުންސިލުން އެއަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާމިގިއްޔާއި މަހިބަދޫ ޖާގަ ހޯދައިފިއެވެ.

މާމިގިލި ފައިނަލުން ޖާގަ ހޯދީ ސެމީގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން މަންދޫ އަތުން 4-2 އިން މޮޅުވެގެންނެވެ. ފައިނަލުން މަހިބަދޫ ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ހަންޏާމީދޫ 7-0 ގެ ބޮޑު ތަފާތަކުން ބަލި ކޮށްފައެވެ.

މަހިބަދޫއާއި މާމިގިލި ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު މަހިބަދޫ "ޕެލޭ ދަނޑު" ގައެވެ.

މިނިވަންދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އދ. އަތޮޅު ކައުންސިލުން ވަނީ ފުޓްބޯޅަ މުބާރާތެއްގެ އިތުރުން ފޯރިގަދަ ވޮލީ މުބާރާތެއްވެސް އެއަތޮޅުގެ ދެޖިންސުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައެވެ.

ވޮލީގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މާމިގިލި ބަލިކޮށް ހޯދީ ދިއްދޫއެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ފެންފުށި ބަލިކޮށް ހޯދީ މާމިގިއްޔެވެ. މާމިގިލީ ކުޅުންތެރިން ވަނީ މެޗަށްފަހު ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.