ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ތަކެތި ކަމަށެވެ.

އެގޮތުން މިމަހު 27 ވަނަ ދުވަހު ނައްތައިލާފައިވަނީ 249 ފުޅި ބަނގުރާ އަދި 104 ދަޅު ބިޔަރެވެ.

މިތަކެއްޗަކީ މި އަހަރުގެ މާރިޗު 3 ވަނަ ދުވަހުން ފެށިގެން ޖޫން 23 ވަނަ ދުވަހުގެ ނިޔަލަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށްވެސް ފުލުހުން ބުންޏެވެ

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.