އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލައިފި ކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިންމާލުމަށް ފަހު މިހާރު ކުރިއަށް ދަނީ ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ސެގްމެންޓް 9 ގައި ދުވާރުގެ މަސައްކަތާއި ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މީގެއިތުރުން އެކުންފުނިން ބުނީ ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަމުންދާއިރު އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައިވާކަމަށެވެ.

އަދި ޗުއްޓީއަށް ފަހު ސްކޫލު ހުޅުވެންވާއިރަށް އަމީނީ މަގުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން މީގެ ކުރިން ވަނީ ބުނެފައިވެއެވެ.

އަމީނީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކު ކުރަމުންދާތީ، އެ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ވަނީ މި މަހުގެ ކުރީކޮޅު ފަށާފައެވެ.