ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމްގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފިއެެވެ.

ޕީޕީއެމްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގް މޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސަވައިފި" ކަމުގައެވެ.

އަދި އެ ޕާޓިން ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

ޑރ. ޖަމީލްއަކީ ރައީސް ޔާމިންގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސްއެވެ. އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން ޑރ. ޖަމީލް ނާއިބު ރައީސްކަމުން ދުރުކުރީ ރައީސް ޔާމިނަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ވޯޓަކުންނެވެ. އެއަށްފަހު ޖަމީލް ވެވަޑައިގަތީ ޔާމިނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާ ކަމުގައެވެ.

ނަަމަވެސް، ރައީސް ޔާމިންގެ ވެރިކަން ބަދަލުވެ، އަނެއްކާވެސް ޖަމީލް ޔާމިނަށް ތާއީދުކުރައްވަން ފެއްޓެވުމާއެކު، ދެން ވެވަޑައިގަތީ ޔާމިންގެ ގާނޫނީ ވަކީލަށެވެ. އަދި ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހު ރައީސް ޔާމިންގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެމަނިކުފާނުވަނީ މަސައްކަތް ކުރައްވާފައެވެ.